ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާރިޔާ އަހުމަދު ދީދީ

ސިފައިންނަށް ކޮވިޑް އެލަވަންސް ދޭނެ އުސޫލެއް ކަނޑައަޅަނީ

ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިނާސްގެ ގޮތުގައި މަސައްކަތްކުރާ ސިފައިންނަށް އެލަވަންސް ފައިސާ ހަމަޖެހިފައިވާ ކަމަށާ މި ފައިސާއާ ބެހޭ ކަންކަމާމެދު ގޮތެއް ނިންމުމަށް އޮންނަ އުސޫލުގެ ތެރެއިން ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުން އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ އައްޑަނަ މަޖައްލާއަށް އެކަމަނާ ލިޔުއްވި ލިޔުއްވުމެއްގައި ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ހިންގާ އޮޕަރޭޝަންތަކުގެ އެންމެ ކުރީ ސަފުގައި ދިވެހި ސިފައިން މަސައްކަތް ކުރަމުން ދަނީ އެއްވެސް ފަސްޖެހުމެއް އަދި ވަރުބަލިކަމެއް ނެތި ރެއާއި ދުވާލު ހަރަކާތް ތެރިވަމުންދާ ކަމަށެވެ.

ފްރަންޓްލައިނާސްގެ ގޮތުގައި މަސައްކަތްކުރާ ސިފައިންނަށް އެލަވަންސް ފައިސާ ހަމަޖެހިފައިވާ ކަމަށާ މި ފައިސާއާ ބެހޭ ކަންކަމާމެދު ގޮތެއް ނިންމުމަށް އޮންނަ އުސޫލުގެ ތެރެއިން ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުން އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އާއި ކޮމަޑާންޓް ސާވިސް ކޯ ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގު އާއި ކޮމާންޑާ ނޮދަން އޭރިއާ ބްރިގޭޑިއާ ޖެނެރަލް އިސްމާއީލް ޝަރީފް އާއި ކޮމާންޑާ ސަދަން އޭރިޔާ ކާނަލް އިބްރާހީމް ރަޝީދު އާއި އެޖުޓަންޓް ޖެނެރަލް ކާނަލް މުހައްމަދު އިބްރާހީމް އާއި ކޮމާންޑާ މާލެ އޭރިއާ ކާނަލް އަހްމަދު ޣިޔާސް އާއޮ ކޮމާންޑާ ސެންޓްރަލް އޭރިއާ ކާނަލް އިބްރާހީމް ހިލްމީ އަދި ކޮމަޑާންޑް ކޯސްޓްގާޑް ކާނަލް މުހައްމަދު ސަލީމް،"

މިނިސްޓަރު ވިދާޅުވީ މިމައްސަލަ ލަފާދޭ މަޖިލީހަށް ގެންދިޔައިރު، އެ މަޖިލީހުގައި އެކަމަނާ އެދިވަޑައިގެންނެވީ ސިފައިންގެ ހިޔާލާއި މަޝްވަރާ ހިމެނޭހެން، މުޅި އަސްކަރިއްޔާއަށް އެންމެ ފައިދާހުރި ގޮތަށް އަދި ހުރިހާ ސިފައިންގެ މަސްލަހަ ތަށް ވިސްނަވައިގެން، އިންސާފުވެރި ކަމާއެކު ދެފުށްފެންނަ ގޮތެއްގައި އެލަވަންސް ފައިސާއާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދެވުމަށެވެ.