ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސިފައިން ތިބީ ސާބިތުކަންމަތީގައި: ރައީސް

Apr 21, 2020

ކޮވިޑް-19 އިން ރާއްޖެ ރައްކާތެރި ކުރަން ސިފައިން ތިބީ ވަރުބަލިކަމެއް ނެތި ސާބިތުކަމާއެކުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ރައީސް ސޯލިހު ދެއްވި ހިތޯބެއްގައި ވިދާޅުވީ އަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާއި ދައުލަތުގެ ދިފާއީ އައްޑަނަ ކަމަށާއި ސިފައިންގެ އަޒުމަކީ އެންމެ ފަހު މީހާގެ އެންމެ ފަހު ނޭވާއާ ޖެހެން ދެން ވެސް ގައުމުގެ ހައްގުގައި ގުރްބާންވުން ކަމަށެވެ. މި އަހަރުގެ ސިފައިންގެ ދުވަސް ފާހަގަ ކުރާއިރު އެފަދަ ވަރުގަދަ އަޒުމެއްގައި ގައުމީ ވަރަށް މުހިންމު މަސައްކަތެއްގައި ސިފައިން ހިދުމަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ކޯވިޑް-19 ގެ ނުރައްކަލުން ގައުމު ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ސިފައިން އަދާ ކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށާއި ނުރައްކާތެރި މަސައްކަތުގެ ކުރީ ސަފަށް ދިވެހި ސިފައިން ނުކުމެ ތިބީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"ދިވެހި ސިފައިން އަމަލާއި ބަހުން ސާބިތުކޮށްދެމުން އެ އަންނަނީ، ސިފައިން މިއަހަރަށް ކަނޑައަޅާފައިވާ، 'ސިފައިންގެ ހިތްވަރު ގައުމުގެ ސަލާމަތް' ޝިއާރުގެ ތެދުކަން. މިކަމުން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، ސިފައިންނަކީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭ ބައެއްކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޯވިޑް-19 އިން ރާއްޖެ ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ގާބިލުކަމާއި އަދި ގައުމަށް ހިދުމަތްކުރުމުގައި އެއްވެސް ވަރުބަލިކަމެއްނެތި ސާބިތުވެ ތިބޭކަން ކަމަށެވެ. އަދި މި ނާޒުކު ދަނޑިވަޅުގައި ސިފައިންގެ އާއިލާތަކުން ދެއްވާ އެއްބާރުލުމާއި ގެންގުޅުއްވާ ކެތްތެރި ކަން ރައީސް ފާހަގަ ކުރައްވައި އެކަމަށް ޝަކުރު އަދާ ކުރެއްވި އެވެ.

އޭގެ އިތުރުން މިދިޔަ އަހަރު ހިނގި ބޮޑެތި ހާދިސާތަކުގައި ސިފައިންގެ ކުރި މަސައްކަތް ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ. އެގޮތުން މިދިޔަ އަހަރުގެ އަޟްހާ އީދު ބަންދު ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައާއި، ހދ. ނޮޅިވަރަންފަރު ލޯންޗު ބަންޑުން ޖަހާލި ހާދިސާއާއި، މާލޭގެ އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ އިތުރުން މާލޭގެ ހުޅަނގު ދެކުނު ބަނދަރުގައި ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ރައީސް ފާހަގަ ކުރެއްވި އެވެ.

"ވޭތުވެދިޔަ އަހަރަކީ، ދިވެހި އަސްކަރިއްޔާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރި މަސައްކަތުގެ ފޮނި ނަތީޖާ ފެނިގެންދިޔަ އަހަރެއް. އާންމު ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާމެދު އޮންނަ އިތުބާރާއި ޔަގީންކަން ބޮޑުވެ، ސިފައިންގެ ގައުމީ ހިދުމަތް އިތުރަށް ފުޅާކުރެވި، ތަރުތީބު ކުރެވުނު އަހަރެއް. މިއީ، ވޭތުވެދިޔަ އަހަރުގެ ތެރޭ، ސިފައިންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި އަޅުގަނޑު ދެކެން," ރައީސް ވިދާޅުވި އެވެ.