ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: އިތުރު 99 މީހުން ޕޮޒިޓިވް

ރާއްޖެއިން އިތުރު 99 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 16,155 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 82 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 17 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. މިއަދު ހެދީ 3،471 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،833 މީހުންނެވެ. މިހާތަނަށް 14،263 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 186 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިއީ މި ފަހުން އެންމެ ގިނަ މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ފަހަރެވެ. އޭގެ ތެރެއިން 11 މީހަކު އޮތީ ރާއްޖޭގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައެވެ. ދަރުމަވަންތަ 11 ވަނަ ފަންގިފިލާގައި ކޮވިޑްގެ އެންމެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ އައިސީޔޫގައި ހަ މީހަކު ވެއެވެ. އޭގެ ތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރަށްލާފައެވެ.

އެ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާއަކީ މާބަނޑު މީހުންނަށް ހާއްސަ ތަނެކެވެ. އެ ތަނުގައި ކޮވިޑް ބަލީގެ ފަސް މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަަރުވާ ދެމުންނެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނީ 170 މީހަކަށެވެ. އެ އެންމެންވެސް ތިބީ ވޯޑްގައެވެ. މީގެ އިތުރުން ގއ. ވިލިގިލީ ކޮވިޑް ފެސިލިޓީގައި އެކަކަށް އަދި ލ. ގަން ކޮވިޑް ފެސިލިޓީގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ފުވައްމުލަކު ފެސިލިޓީގައިވެސް ދެ މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދެއެވެ.