ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މި ރާޅުން މި ވިޔަފާރިތައް ސަލާމަތްވާނެ ތަ؟

ރާއްޖޭގެ ހުރިހާ އެންމެންނާ މުޅި އިގްތިސޯދާ ގުޅިފައިވާ އެއް ދާއިރާއަކީ ފުޑު އިންޑަސްޓްރީ އެވެ. ނުވަތަ ކެއިން ބުއިމުގެ ހިދުމަތްދޭ މީހުންނެވެ. ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ތަކެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެންމެ ގެއްލުންވެފައިވާ އެއް ބަޔަކީ ވެސް މި އެވެ. މިދިޔަ އަހަރުގެ މާޗް މަހު ނެގި ކޮވިޑްގެ "ފުރަތަމަ ރާޅު" ދަށުވެ މީގެ އެއްތައް ތަނެއް ހުއްޓާލި އެވެ. އަދި ސަލާމަތްވި ބަޔަކު ތިބީ ސަރުކާރުން ބޭންކްތަކާ ގުޅިގެން ދޫކުރި ލޯނު ނަގައިގެން، އަތުގައި ހުރި ލޯނުތައް ފަސްކޮށް "ދަރަނީގެ މަޅީ" ގައި ޖެހިފަ އެވެ. އަލުން އިންޑަސްޓްރީތައް ހުޅުވުމާއެކުވީ އުފަލުން ތިބެ ކުރިއަށް ދަނިކޮށް ލޮލުގެ ކޮޅުން އަނެއްކާ ވެސް މިވަނީ މި ބަލީގެ އިތުރު ރާޅެއް ދައްކާލައިފި އެވެ.

ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުން މިހާރު ރާއްޖެ މިއޮތީ ކޮވިޑު-19 ގެ ތިންވަނަ ރާޅެއްގެ ހޮޅީގެ ތެރޭގަ އެވެ. އެހެންވެ ބަލި ފެތުރުމުން މައިތިރި ކުރަން މިވަނީ ފިޔަވަޅު ތަކެއް އަޅާފަ އެވެ. ކުރިއަށް އޮތް 14 ދުވަހަށް މިވަނީ ފާޑަކަށް ވެރިރަށް މާލެ "ލޮކްޑައުން" ކޮށްފަ އެވެ. މި ފަހަރުގެ ލޮކްޑައުންއާއެކު، މިފަހަރު ފުޑް އިންޑަސްޓްރީ ސަލާމަތްވާނީ ކިތައް ވިޔަފާރި ހެއްޔެވެ؟ މިހާރު މި އިންޑަސްޓްރީގެ ހާލަކީ ކޮބައި ހެއްޔެވެ؟

"ރަނގަޅު ވަމުން ދަނިކޮށް ކުރިމަތިވި މި[ދެ ހަފުތާގެ ފިޔަވަޅު ހަރުކަށި ކުރުމުގެ] ސަބަބުން ވަރަށް ބޮޑު ގެއްލުމެއް މި މީހުންނަށް ވާނެ. ބަންދު ވެގެން މިދަނީ މި އިންޑަސްޓްރީގެ އެންމެ ޕީކް ވަގުތު ރޭގަނޑަކީ. އެހެންވެ މިއީ ފޫބައްދަން ދަތި ގެއްލުމަކަށްވާނެ،" ރެސްޓޯރެންޓް ވިޔަފާރީގައި ރާއްޖޭގައި އެންމެ މަޝްހޫރު އެއް ބޭފުޅާ ކަމަށްވާ އިބްރާހިމް އާމިރު (ސަލްސާ އާމިރު) އަވަސް އަށް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލީގެ ނަމްބަރުތައް އިންތިހާ އަށް މަތިވަމުން ދިއުމާއެކު، މިރެއިން ފެށިގެން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް ވެހިކަލް ދުއްވުން މިވަނީ މަނާކޮށްފަ އެވެ. އަދި 11:30 އިން 4:30 އަށް ހުއްދަ ނެތް ފަރާތްތައް ނޫނީ ބޭރުގަ ގުޅުން މަނާވާނެ އެވެ. މިއީ ކާފިއު ގަޑި އެވެ. މި ފިޔަވަޅު އަޅާފައިވަނީ މީހުން އެއްވެ އުޅުން ވީހާ ވެސް މަދު ކުރުމަށެވެ. ނަމަވެސް މި ބަދަލާއެކު އެންމެ ބޮޑަށް ގެއްލުންވާނީ ރާއްޖޭގެ އިގްތިސޯދުގެ ގިނަ ބަޔަކާ ގުޅުންހުރި ފުޑް އިންޑަސްޓްރީ އަށެވެ.

އިގްތިސޯދުގައި ފައިސާ ދައުރުކުރާ މައި ސޯބު

މި ސިނާއަތުގައި ބިދޭސީ މުވައްޒަފުން ގިނަ ނަމަވެސް ރެސްޓޯރެންޓް/ ކެފޭގެ ގިނަ ވިޔަފާރިތައް އަދި ވެސް ހިންގަނީ ދިވެހިންނެވެ. މި ދާއިރާ އަށް އަލަށް ނުކުމެ ވޭޓަރުންގެ ގޮތުގައި ދިވެހިން ހިދުމަތްދޭތަން ވެސް މިހާރު ފެންނަމުންދެ އެވެ. މި ސިނާއަތުގައި މާލެ ސަރަހައްދުގައި އެކަނި 1400 އަށް ވުރެ ގިނަ ތަންތަން ހިންގަ އެވެ. ރިސޯޓްތަކުގައި ހުރި ރެސްޓޯރެންޓުތައް ނުލައި ބެލިނަމަވެސް މުޅި ރާއްޖޭގައި ހުރި ހޮޓާ/ ކެފޭ އަދި ރެސްޓޯރެންޓާއި ފުޑް ކައުންޓަރުތަކުގެ އަދަދު 2600 އަށް ވުރެ ގިނަ އެވެ. މި ސިނާއަތުން ދުވާލެއްގެ މައްޗަށް ބާޒާރުން 6،000ރ. އާއި 8،000ރ. ގެ ވިޔަފާރިއެއް ކުރެ އެވެ.

އަންދާޒާއަކީ އާއްމު ގޮތެއްގައި ހިނގާ ދުވަސްވެއްގައިނަމަ، ތިން މިލއަނެއްހާ ރުފިޔާގެ ވިޔަފާރި ހަމައެކަނި މި ސިނާއަތުން ދުވާލެއްގެ މައްޗަށް އިގްތިސޯދުގެ ތެރޭގައި ދައުރު ކުރުމެވެ. އެކަމަކު ރޭގަނޑުގެ ވަގުތު މި ތަންތަންދާނެ މީހަކު ނެތި ގޮނޑިތައް ފަޅަން ހުންނަން ޖެހުން ވަނީ މި ވިޔަފާރި ދައުރުވުން މުޅިން ހުއްޓުމަށެވެ.

މިއީ ފައިސާ ރޯލުކުރާ މައިގަނޑު އެއް ސޯބެކެވެ. މި ސޯބަށް ހުއްޓުން އަތުވެއްޖެނަމަ މުޅި އިގްތިސޯދުގެ އިންޖީނަށް ހުއްޓުން އަންނާނެ އެވެ.

ރެސްޓޯރެންޓު ވިޔަފާރީގައި އުޅުއްވާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، ފުޑް ބޭންކްގެ ވެރިޔާ މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި މި ބަންދާއެކު ރެސްޓޯރެންޓްތަކުގެ ތެރެއިން ވެސް ބޮޑު ގެއްލުމެއްވާނީ ފައިން ޑައިން ހިދުމަތްދޭ ފަރާތްތަކަށެވެ.

"އަޅުގަނޑުމެން ފަދަ ތަންތަނަށް ބޮޑު ގެއްލުމެއް ވާނީ. މިއީ ކޮފީއަށް މީހުން އަންނަ ތަންތަނެއް ނޫން. މިތަނަށް މި އަންނަނީ ހަމަ ކާލަން. އެންމެ ޕީކް ގަޑިއަކީ ރޭގަނޑު. މި ގަޑީގައި މީހުންނަށް ނާދެވޭނަމަ އަންނަ މީހުން މަދުވާނެ. ހަގީގަތުގައި ވިޔަފާރި މި ފެށެނީ ވެސް ރޭގަނޑުން ފެށިގެން،" ޝަރީފު ވިދާޅުވި އެވެ.

ގިނަ ފަރާތްތަކަށް ލޯނު ދައްކަން ޖެހިފައި

ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދަށް ލިބުނު ގެއްލުން ތަކުން އަރައި ގަންނަން ސަރުކާރުން އިގްތިސޯދީ "ރިލީފް ޕެކޭޖެއް" ނެރުމެވެ. އަދި މި ޕެކޭޖުގެ ބޭނުންކޮށް ކުރިން ވިޔަފާރި ހިންގަން ނަގާފައި ހުރި ލޯނުތައް ފަސްކޮށް ދިނެވެ. އަދި ބައެއް ފަރާތްތަކުން ސަރުކާރުން ދޫކުރި ލޯނު ނެގި އެވެ. ކުދި ވިޔަފާރިތަކަށް އެސްޑީއެފްސީ ދިން ލީނު ނެގި އެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް ބީއެމްއެލް އިން ދޫކުރި ލޯނު ނެގި އެވެ. ނަމަވެސް މި މަހުން ފެށިގެން ގިނަ ފަރާތް ތަކުން ވަނީ ލޯނު ދައްކަން ޖެހިފަ އެވެ. ބޯޑަރު ހުޅުވައި މިވީ ދުވަސްތަކުގައި އިގްތިސޯދުގެ އިންޖީނު ހިންގަން ފެށުމުން ގިނަ ރެސްޓޯރެންޓް، ކެފޭތަކުން މުވައްޒަފުންގެ މުސާރަ ވެސް އިޔާދަކޮށްފި އެވެ. ކުރިން ހުރި ވަރަށް މުވައްޒަފުން ވެސް ނަގައިފި އެވެ. އެކަމަކު އަނެއްކާ 14 ދުވަހަށް މި އަންނަ ބަންދުގެ ސަބަބުން ކުރީގެ ހާލަތަށް ވުރެ ބޮޑަށް މި ވިޔަފާރި ސޮއްސާލުމުގެ ބިރާ މިވަނީ ކުރިމަތިވެފަ އެވެ.

ރެސްޓޯރެންޓެއްގެ ވެރިއަކު ވިދާޅުވީ މި އިންޑަސްޓްރީގެ ގިނަ ބަޔަކު ލޯނު ދައްކަން ޖެހޭތީ ކޮންމެވެސް ވަރެއްގެ ވަގުތެއް ޑެލިވަރީ ހިދުމަތަށް ދިނުން ރަނގަޅު ކަމަށް ފެންނަ ކަމަށެވެ.

"ކޮންމެ ތަނަކަށް ވެސް ވަކި އަދަދެއް ޑެލިވަރީ ހިދުމަތަށް ދިނުން ހަމަ މުހިންމު. ގޭގޭގަ އެބަތިބި މި ތަންތަނުން ކެއިން ބުއިން ހަމަޖައްސާ މީހުން. އެ މީހުންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުން ބުއްދިވެރި. މިހާރު ޓެކްނޮލޮޖީ އެބަހުރި ފާހެއް ދޭއިރު އެއީ ފޭކު ފާހެއްކަން ނޫނީ ރަނގަޅު އެއްޗެއްކަން ބަލައިލެވޭނެ. މިއީ ހަމަ ކޮށްދޭން ޖެހޭކަމެއް. އެހެން ނޫނީ ލޯނުތައް ދައްކަން ޖެހޭއިރު އިތުރު މައްސަލަތަކެއް ކުރިމަތިވާނެ،" ނަން ހާމަ ނުކުރުމަށް އެދި ވިދާޅުވި އެވެ.

ސާދަ ދުވަހަށް ފާޑަކަށް މި އިންޑަސްޓްރީއަށް މި އަންނަނީ "ލޮކްޑައުން" އެކެވެ. ރޭގަނޑު ފައިމަގުގައި އުޅެން ފުރުސަތު އޮން ތަނަމަވެސް މި ތަންތަނަށް ދާ މީހުން މަދުވާނެ އެވެ. އެހެންވެ ސަރުކާރުން މިވަނީ އަނެއްކާވެސް މި އިންޑަސްޓްރީއަށް އެހީވާނެ އިތުރު ގޮތެއް ހޯދަން ޖެހިފަ އެވެ.