ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

މިހާތަނަށް 1578 މީހަކު ކޮވިޑް ވެކްސިން ޖަހައިފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ރަސްމީކޮށް ފަށާފައިވާއިރު މިހާތަނަށް 1578 މީހަކު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށީ މީގެ ތިން ދުވަސް ކުރިންނެވެ. ފުރަތަަމަ ދުވަހު 282 މީހަކު ކޮވިޑް ވެކްސިން ޖެހިއެވެ. އަދި ދެވަނަ ދުވަހު 554 މީހަކަށް ވެކްސިން ދީފައިވެއެވެ. މިއަދު ވެކްސިން ދީފައިވަނީ 742 މީހަކަށެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 643 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 99 މީހެކެވެ.

މިހާތަނަށް މާލެ ސަރަހައްދުން 1،309 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 296 މީހަކަށް ވެކްސިން ދީފައިވެއެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލްގައިވެސް ފުރަތަަމަ ދުވަހުން ފެށިގެން ވެކްސިން ދެއެވެ. މިއަދު މުޅި ރާއްޖޭގައި ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.