ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް އިތުރު ތިން އަހަރަށް އާ ކޮށްފި އެވެ.
ކޫޕްމަން އާއެކު އެފްއޭއެމުން އަލަށް ހެދި، ކޮންޓްރެކްޓް ހަމަވާނީ ޖަނަވަރީ 2024 ގެ ނިޔަލަށެވެ. ގައުމީ ކޯޗް ކަމާ ކޫޕްމަން ހަވާލުވީ ޖަނަވަރީ 2020 ގަ އެވެ. އޭރު އެއް އަހަރަށް ސޮއި ކުރި އެއްބަސްވުން، މިދިޔަ މަހު 25 ގައި ވަނީ ހަމަވެފަ އެވެ. އޭރުވެސް އެފްއޭއެމުން ބުނެފައި ވަނީ ވިސްނުން ހުރީ މިހާރުވެސް ތިބި ކޯޗުން ސްޓަފުންނާއެކު ކުރިއަށް ދިއުމަށް ކަމަށެވެ. ކޫޕްމަން އާއެކު، ގައުމީ ޓީމަށް ސޮއި ކުރި އެސިސްޓެންޓް ކޯޗް ރެނޭ ހިޑިންކްވެސް ވަނީ ތިން އަހަރަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ހިޑިންކް އަކީ، ރެއާލް މެޑްރިޑާއި ޗެލްސީ އަށް އަދި ހޮލެންޑާއި ދެކުނު ކޮރެއާ އަށް ކޯޗް ކޮށްދިން ހޮލެންޑްގެ މަޝްހޫރު ކޯޗް ގޫސް ހިޑިންކްގެ ކޮއްކޮ އެވެ.
ރާއްޖޭގެ ކޯޗް ކަމުގައި ކޫޕްމަން ހޭދަ ކުރި ފުރަތަމަ އަހަރަކީ އޭނާގެ ކެރިއާގައި އާދަޔާ ހިލާފު އަހަރެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗުތައް މި އަހަރަށް ފަސް ކުރުމުން ކޫމަންގެ ފުރަތަމަ އަހަރު ނިމިދިޔައީ އެއްވެސް މެޗެއް ނުލިބި އެވެ. ގައުމީ ޓީމާއެކު ދެ ފަހަރަށް ޕްރެކްޓިސް ފަށައިގެންވެސް އޭނާއަށް ކުރިއަށް ދެވޭ ގޮތެއް ނުވި އެވެ. ކޮވިޑްގެ ބަލި މަޑުކަން ބޮޑުވެ ޕްރެކްޓިސް ހުއްޓާލަން ޖެހުނެވެ. ރާއްޖޭގައި ކޫޕްމަން ހާސިލު ކިރެވުނީ އޭނާގެ ޕާސަނަލް ރެކޯޑެކެވެ. އޭޕްރީލް މަހު ލޮކްޑައުން ކުރުމުން، އޭރު ދިރިއުޅުނު ހޮޓަލްގައި ލޮކޮޑައުން ހޭދަކުރި ކޫޕްމަން ވަނީ ލޮކްޑައުންގެ ޑައިޓް އަދި ކަސްރަތުގައި ޕްރޮގްރާމްގައި 12 ކިލޯ އޭނާގެ ގައިން ލުއިކޮށްލާފަ އެވެ.
ކޮންޓްރެކްޓް އާ ކުރުމަށް ފަހު "އަވަސް" އާ ވާހަކަ ދައްކަމުން ހޮލެންޑްގެ ކޯޗް ބުނީ، ރާއްޖޭގެ ފުޓްބޯޅައިގައި މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.
"ފުޓްބޯޅައިގެ މަސައްކަތްތަކާ އެއްވަރަށް ކޮވިޑާ ދެކޮޅަށް އަހަރެމެން ކުރަން ޖެހޭ މަސައްކަތް ވެސް ބޮޑު،" ކޮންޓްރެކްޓް އާ ކުރެވުމުން އޭނާގެ ޝުއޫރު ހުރި ގޮތް އެހުމުން ކޫޕްމަން ބުންޏެވެ. "އެންމެ ފުރަތަމަ ކުރިމަތިލާން ޖެހިފައި ވަނީ ކޮވިޑާ ރާއްޖޭގެ ރައްޔިތުންނާއި އަހަރެމެން އެންމެންގެ މަސައްކަތުން ކޮވިޑް ރައްކާތެރި ވެވޭނެ. ފުޓްބޯޅައިގެ ކުރިން ފުރިހަމަ ސިއްހަތެއްގައި ތިބުން މުހިންމު."
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ކުލަބު ތަކުން ޕްރީ ސީޒަން ފެށުމުން ކޫޕްމަން ވަނީ ކުލަބު ތަކުގެ ސީޒަން ޕްރެކްޓިސް ގަވާއިދުން ޕްރެކްޓިސް ބަލާފަ އެވެ. ގައުމީ ޓީމުގެ ކޯޗް ކުލަބުތަކުގެ ޕްރެކްޓިސް ބެލުމަކީ އެހާ އާންމު ކަމެއް ނޫނެވެ. ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވި ކޯޗުންގެ ތެރެއިން ކުލަބުތަކުގެ ޕްރެކްޓިސް ބެލުމަށް މީގެ ކުރިން ޓާފް ދަނޑަށް ދިޔަ ކޯޗަކީ 2008 ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް އެވެ. ދެފަހަރެއްގެ މަތިން ރާއްޖޭގެ ކޯޗްކަން ކުރި ޔަންކޭޒް ވަނީ ރާއްޖޭގެ ކޯޗް ކަމުގައި އޭނާގެ ދެ ވަނަ ޕީރިއަޑްގައި ކުލަބު ތަކުގެ ޕްރެކްޓިހަށް ގޮސް ކުޅުންތެރިންގެ މަސައްކަތް ވަޒަން ކޮށްފަ އެވެ.
"މިއީ ހަމައެކަނި ކުޅުންތެރިންނަށް އޮތް ކަމެއް ނޫން ކުލަބުތަކުގެ ކޯޗުންނަށްވެސް ވަރަށް މުހިންމު ކަމެއް ކޯޗެއްގެ ހައިސިއްޔަތުން އެކަކު އަނެކަކާ ގުޅުން ބޭއްވުން،" ޕްރީ ސީޒަންގައި ކުލަބުތަކުގެ ޕްރެކްޓިސް ބަލަން އޭނާ ދިޔަ ސަބަބާ ބެހޭގޮތުން ކުރިން ކޫޕްމަން ބުނެފައި ވެއެވެ. "އަހަރެން ބޭނުން ކުލަބުތަކުގެ ކޯޗުންނަށްވެސް އެނގެން އަހަރެންގެ ޝައުގުވެރިކަން ކުޅުންތެރިންގެ ދައްކާ ޕާފޯމަންސާ މެދު އޮތް ކަން. އަދި (ކުލަބު ތަކުގެ ޕްރެކްޓިސް ބެލީމަ) ކުޅުންތެރިންގެ ފެންވަރުގެ އިތުރުން އެހެން ކަންކަވެސް އަހަންނަށް އެނގިގެންދާނެ ކުޅުންތެރިންނާ ބެހޭގޮތުން."
ކޫޕްމަން ބުނެފައި ވަނީ ކުލަބުތަކާއި ގައުމީ ޓީމަކީ އެއް އާއިލާއެއް ކަމަށް އޭނާ އަށް އިހްސާސް ކުރެވޭ ކަމަށާއި ކުލަބުތަކުގެ ކޯޗުންވެސް އެގޮތަށް ދެކެން އޭނާ ބޭނުންވާ ކަމަށެވެ. ގައުމީ ޓީމަކީ ލަފްޒީ ގޮތުން ބުނާ ގައުމީ ޓީމު އެކަނި ނޫން ކަމަށާއި މައުނަވީ ގޮތުން ގައުމީ ޓީމަކީ ކުލަބުތަކާއި ފުޓްބޯޅައިގައި ޝާމިލުވާ އެންމެން ކަމަށް ކޫޕްމަން ބުންޏެވެ.
"ބައެއް ފަހަރު އެމީހުން [ކުލަބުތަކުގެ ކޯޗުން] އަހަރެން ކައިރީ އަހާނެ އަނެއް ފަހަރު އަހަރެން އެމީހުން ކައިރީ އަހާނަން،" ކޫޕްމަން އޭރު ބުނެފައި ވެއެވެ. "ދިވެހިރާއްޖޭގެ ގައުމީ ޓީމަކީ ހަމައެކަނި ލަފުޒީ ގޮތުން ބުނާ ގައުމީ ޓީމެއް ނޫން. ކުލަބުތަކަކީވެސް ގައުމީ ޓީމުގެ ތެރޭގައި ހިމެނޭ ބައެއް. ގައުމީ ޓީމަށް އަހަރެން އިހްތިޔާރު ކުރާނީ ކުލަބުގައި އެންމެ ރަނގަޅަށް ޕާފޯމް ކުރާ ކުޅުންތެރިން. ކުލަބުތަކުގެ ކޯޗުންގެ މަސައްކަތެއް ކުޅުންތެރިން އެންމެ މަތީ ފެންވަރަށް ތަރައްގީ ކުރުން. އަދި ކޮންފިޑެންސާ އެކު ކުޅުންތެރިން ކުޅުމުގެ ހިތްވަރު ދިނުމަކީ ކުލަބުތަކުގެ ކޯޗުންގެވެސް މަސައްކަތެއް."