ސްޓޫޑެންޓް ލޯނަށް ކުރިމަތިލާން އަންނަ ހަފުތާގައި ހުޅުވާލަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަަރަށް ހުޅުވައި ދެއްވައި އިއްވެވި ރިޔާސީ ބަޔާން މެދުވެރި ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ގައުމު ކުރިއަރުވައި ތަރައްގީ ކުރަން ތަރައްގީގެ ވިސްނުން ހުރި ޒުވާން ޖީލެއް ބިނާ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެގޮތުން އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައި ދޭން ފެށުމަކީ އެފަދަ ޖީލެއްް ބިނާ ކުުރަން ކުރެވުނު މުހިންމު އިންވެސްޓެއް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު މަތީތައުލީމަށް ހާއްސަ 550 ލޯނުގެ ފުރުސަތު ހުޅުވާލި އެވެ. މިއަަހަރު އެ އަދަދު 770 އަށް އިތުރުކުރާނެ އެވެ.
"މި ލޯނުތަކަށް ކުރިމަތިލުމަށް މިއަންނަ ހަފުތާގައި އިއުލާން ކުރާނެ އިތުރުކުރި ލޯނުގެ ފުރުސަތުތަކަކީ، އިގްތިސާދު އާރާސްތު ކުރުމަށްޓަކައި، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ބިނާކުރަން ބޭނުންވާ ދާއިރާތަކުން ތައުލީމާއި ތަމްރީނު ދިނުމަށް އިސްކަން ދީގެން ހުޅުވާލާ ފުރުސަތުތަކެއް." ރައީސް ސޯލިހު ވިދާޅުވި އެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާ ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންނަށް، ދޭ ލޯނުގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ހާއްސަ ކެޓެގަރީއެއް މިހާރު ވަނީ ހިމަނާފަ އެވެ. އެއީ ޒުވާނުން ބިނާ ކުރުމާއި ގައުމު އާރާސްތުކުރުމުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.