ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ކެންޕެއިން: 3،204 މީހަކު ވެކްސިން ޖަހައިފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 3،204 މީހަކު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. ފުރަތަަމަ ދުވަހު 282 މީހަކު ކޮވިޑް ވެކްސިން ޖެހިއެވެ. އަދި ދެވަނަ ދުވަހު 554 މީހަކަށް ވެކްސިން ދީފައިވެއެވެ. އިއްޔެ ވެކްސިން ދީފައިވަނީ 742 މީހަކަށެވެ. މިއަދު ވަނީ 1،626 މީހަކަށް ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 1،477 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 149 މީހެކެވެ.

މިހާތަނަށް މާލެ ސަރަހައްދުން 2،786 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 418 މީހަކަށް ވެކްސިން ދީފައިވެއެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނވެ. ދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލްގައިވެސް ފުރަތަަމަ ދުވަހުން ފެށިގެން ވެކްސިން ދެއެވެ. އިއްޔެ މުޅި ރާއްޖޭގައި ވެކްސިން ދޭން ވަނީ ފަށާފައެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މިއަދު ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.