ހަބަރު

ޝިހާބުގެ އެކައުންޓްގައި ހުރީ ތިންލައްކަ ރުފިޔާ

އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިހާބުގެ އެކައުންޓްގައި 362 މިލިއަން ރުފިޔާ ހުރި ކަމަށް މާލީ ހިސާބުތަކާއި ބެހޭ ލިޔުމުގައި ފެންނަ ހުރީ ލިޔުމުގައިވާ ކުށަކުން ކަމަށްވާތީ އެކަން ރަނގަޅު ކުރުމަށް އޭނާ އެސެޓް ޑިކްލެރޭޝަން ފޯމު ވަގުތީ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓުން ނަގައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ޝިހާބުގެ އެސެޓް ޑިކްލެރޭޝަން ފޯމުގައި ވާގޮތުން ފެބްރުއަރީ 27، 2020 ގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް ގެ ރުފިޔާ އެކައުންޓެއްގައި 362،015،022 ރުފިޔާ ހުއްޓެވެ. އަދި ޑޮލަރު އެކައުންޓުގައި 18،129.76 ޑޮލަރު ހުއްޓެވެ.

ނަމަވެސް އެއީ ލިޔުމުގެ ކުށެއްވާކަން ފާހަގަ ކުރެވިފައިވަނީ މިއަދު ބައެއް ނޫސްތަކުގައި އެ ހަބަރު ޝާއިއު ކުރުމުންނެވެ. އެހެން ކަމުން އެކަން ރަނގަޅު ކުރުމަށް ޝިހާބުގެ އެސެޓް ޑިކްލެރޭޝަން ފޯމު ވަގުތީ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓުން ވަނީ ނަގާފައެވެ. އެ އަދަދު ހިމެނިފައިވަނީ ލިޔުމުގެ ކުށަކުން ކަމަަށް ޝިހާބުވެސް ވަނީ ވިދާޅުވެފައެވެ.

ޝިހާބުގެ އެކައުންޓްގައި ހުރީ 362،015.022 އެވެ.

ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝިހާބުގެ މިލްކިއްޔާތުގައި މިވަގުތު ހުރީ ތިން ލައްކަ ރުފިޔާގެ އިތުރުން ދެ ސައިކަލާ، ލ އަތޮޅު ގަމުން ގޯއްޗެކެވެ. އަދި ބީއެމްއެލްގެ 2880 ހިއްސާ އާއި ދިރާގުގެ 2500 ހިއްސާގެ އިތުރުން އެމްޓީޑީސީ ގެ 3300 ހިއްސާވެސް ޝިހާބުގެ މިލްކިއްޔާތުގައިވެއެވެ.