ބޮލީވުޑް

ޚަބަރެއް ނުވަނީ އަމިއްލައަށް އިޝްތިހާރުވާން ނޫޅޭތީ: ޕްރީތީ

"ޑިމްޕަލް ކުއީން" ގެ ގޮތުގައި ބޮލީވުޑްގައި މަޝްހޫރުވެފައިވާ ބަތަލާ ޕްރީތީ ޒިންޓާ ފިލްމީ ދުނިޔެއަށް ނުކުތީ 1998 ގައި ރިލީޒްކުރި "ދިލް ސޭ" އިންނެވެ. ޝާހްރުކް ޚާން ބަތަލުގެ ބައި ކުޅުނު މި ފލްމުގައި ޕްރީތީގެ ރޯލު އެހާ ދިގު ނޫނަސް ފިލްމު ބެލި މީހުންގެ ހިތްތަކުން އޭނާ ޖާގަ ހޯދި އެވެ.

އޭގެ ފަހުން ފާއިތުވީ 22 ވަރަކަށް އަހަރުގެ ތެރޭގައި ޕްރީތީ ވަނީ ރީތި ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. ނަމަވެސް މި ފަހަކަށް އައިސް ބޮލިވުޑް ފިލްމުތަކުން އެއްގޮތަކަށް ވެސް ޕްރީތީއެއް ނުފެނެ އެވެ.

ފިލްމީ ދުނިޔެއާ އެހާ ދުރުގައި ޕްރީތީ މިހާރު އުޅެނީ ކީއްވެތޯ ނޫސްވެރިއަކު ދާދި ފަހުން ޕްރީތީ އާ ސުވާލުކުރި އެވެ. ޖަވާބުގައި ޕްރީތީ ބުނީ "އަމިއްލަ ނަފްސު ވިއްކަން" ބޭނުން ނުވާތީ ކަމަށެވެ.

"އަހަންނަކީ ޝަކުވާކުރާ މީހެއް ނޫން. އަހަރެންގެ ހިތުގައި އެއްވެސް މީހަކާ ދޭތެރޭ ޝަކުވާއެއް ނެތް. އަހަރެން ހިންދީ ފިލްމު އިންޑަސްޓްރީން ނުފެންނަނީ އަހަންނަކީ އަމިއްލަ ނަފްސު ވިއްކާ މީހަކަށް ނުވާތީ. އަހަރެން އަމިއްލައަށް ޕްރޮމޯޓްވާން ނޫސްތަކުން ޖާގަ ގަންނަ މީހެއް ނޫން އަހަންނަކީ. އެކަކަށް ވެސް އަހަރެން އެފަދަ ކަމެއް ކުރަނިކޮށެއް ނުފެންނާނެ. އަހަރެން ބޭނުންވަނީ އަހަރެން ކުރާ މަސައްކަތަކަށް ހައްގު ތައުރީފެއް ލިބެން،" ޕްރީތީ ބުންޏެވެ.

ޕްރީތީ މިހާރު ދިރިއުޅެނީ އެމެރިކާ މީހަކާ އިނދެގެން އެމެރިކާގަ އެވެ. އިންޑިޔާ އަށް އަންނަނީ ވަރަށް މަދުންނެވެ. މީގެ ދުވަސްކޮޅެއް ކުރިން ޕްރީތީގެ އާއިލާގެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ ވަރަށް ހިތްދަތި ތަޖުރިބާތަކެއް ޕްރީތީ ކުރި އެވެ. މިކަމާ ގުޅޭ ގޮތުން ޕްރީތީ ބުނީ މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން އޭނާގެ މަންމަ އާއި ބޭބެ އަދި ބޭބެ އަންހެނުންނާއި ކުދިން ކޯވިޑަށް ޕޮޒިޓިވް ވި ކަމަށެވެ.

"ކުއްލިއަކަށް ވެންޓިލޭޓާ، އޮކްސިޖަން މެޝިން، އައިސީޔޫގެ ބޭނުން ބޮޑުކަން ވިސްނުނު. އަހަރެން ހުރީ އެމެރިކާގައި ތާށިވެފައި. އާއިލާގެ މީހުންނަށް އެހީތެރިވާން ނާދެވުނު،" ޕްރީތީ ބުންޏެވެ.

ނަސީބަކުން ޕްރީތީގެ އާއިލާގެ އެންމެން ވެސް މިހާރު ވަނީ ބަލިން ފަސޭހަ ވެފަ އެވެ.

ޕްރީތީ. 45. އެންމެ ފަހުން ފެނިފައި ވަނީ 2018 ގައި ރިލީޒްކުރި އެކްޝަން-ކޮމެޑީ ބާއިއާޖީ ސުޕަހިޓް" އިންނެވެ. އެ ފިލްމު ވެސް އޭނާ ކުޅެފައި ވަނީ ހަތް އަހަރު ދުވަހު ފިލްމެއް ނުކުޅެ ހުރެފަ އެވެ.