ވިޔަފާރި

ސަރުކާރު ގެރެންޓީއާއެކު އިންޑިއާއިން ދެ ބިލިއަން ރުފިޔާގެ ލޯނެއް

Feb 6, 2021
3

ދިވެހި ސަރުކާރުން ގެރެންޓީ ދީގެން އިންޑިއާގެ އެކްސްޕޯޓް އިންޕޯޓް ބޭންކުން 130 މިލިއަން ޑޮލަރު (ގާތްގަނޑަށް ދެ ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިފި އެވެ.

އިންޑިއާ އިން އިތުރު ލޯނެއް ނެގިކަން ހާމަވީ ސަރުކާރުން ބޯހިޔާވަހިކަން ތަރައްގީ ކުރަން އުފެއްދި ކުންފުނި ފަހި ދިރިއުޅުން ކޯޕަރޭޝަން (ފާފުދާލު) އިން އާއްމު ކުރި ނޫސް ބަޔާނަކުންނެވެ.

އެ ކުންފުނިން ބުނި ގޮތުގައި ހުޅުމާލޭގައި 2،000 ފްލެޓު އަޅަން ހިންގާ މަޝްރޫއަކަށް 130 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އިން ވަނީ ނަގާފަ އެވެ. މި ލޯނު ފާފުދާލަށް ދީފައި ވަނީ ދިވެހި ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެނެވެ.

ރާއްޖެއަށް މިހާރު އެންމެ ބޮޑަށް އެހީވާ އެއް ގައުމަކީ އިންޑިއާ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ އިން މިހާތަނަށް ގިނަ އަދަދެއްގެ މާލީ އެހީތެރިކަން ދީފައިވެ އެވެ. އޭގެތެރޭގައި ބޮޑު ބައެއް ދަރަނީގެ ގޮތުގައި ހިމެނެ އެވެ. މިހާރު ރާއްޖޭގެ ދަރަނި 70 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު ދަރަނީގެ ތިލަފަތް މިހާރު އެންމެ ބޮޑު އެއް ގައުމަކީ އިންޑިއާ އެވެ.

އެކަމަކު ދިވެހި ސަރުކާރުން ބުނަނީ އިންޑިއާ އިން ލޯނު ދެނީ ލުއި ފަސޭހަ ލޯނު ތަކެއް ކަމަށެވެ.