ބަޖެޓް ސަޕޯޓަށް އިންޑިއާ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކި ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ 3.5 ޕަސެންޓް ކަމަށް އަވަސް އަށް އެނގިއްޖެ އެވެ.
ބޮންޑުގެ އިންޓްރެސްޓް ރޭޓްއާ ބެހޭ ގޮތުން ސަރުކާރުން ވެސް އަދި އިންޑިއާ އިން ވެސް މިހާތަނަށް ރަސްމީ ގޮތެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މި ބޮންޑުގެ އިންޓްރެސްޓް ރޭޓްއަކީ ކޮބައިތޯ އަވަސް އިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމިރުއާ މިއަދު ސުވާލު ކުރުމުން އެ މަނިކުފާނު ވެސް އެ ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ.
ނަމަވެސް، މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ލިބިފައިވަނީ މިހާރު ދުނިޔޭގެ މާކެޓުގައި ބޮންޑު ހުރި ރޭޓްތަކާ އަޅާ ބަލާއިރު ވެސް ވަރަށް ރަނގަޅު އަގެއްގައި ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑެތި މާލީ އިދާރާތަކުން ވެސް އެކަން ފާހަގަ ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ދެހާސް ސަތާރަ ވަނަ އަހަރު އިގްތިސޯދު އެންމެ ރަނގަޅު ހުރިއިރު ވެސް ބޮންޑު ރޭޓް ހުރީ ހަތް ޕަސެންޓުގައި އެހެންވެ ނަމަވެސް އިންޑިއާ އިން ވިއްކި ރޭޓްއަކީ ވަރަށް އެކަށީގެންވާ ހެޔޮ އަގެއް،" އަމީރު ވިދާޅުވި އެވެ.
އިންޑިއާގެ އެސްބީއައި އިން މި ބޮންޑު ގަނެފައިވަނީ އެ ގައުމުގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެނެވެ. މި ބޮންޑު ވިއްކާފައި ވަނީ 10 އަހަރު ދުވަހަށެވެ. އެހެންވެ، ދިވެހި ސަރުކާރުން ފައިސާ ދައްކަން 10 އަހަރު ލިބޭނެ އެވެ. އިންޑިއާ އިން މީގެ ކުރިން ސަރުކާރުގެ ބަޖެޓު ފޫބައްދަން ބޮންޑު ވިއްކާފައިވެ އެވެ.
މިގޮތުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ބޮންޑު ވިއްކި އެވެ. ދިގު މުއްދަތަށް ވިއްކި މި ބޮންޑު ދައްކާ ހަލާސް ކުރުމަށް ދިން މުއްދަތު އިތުރުކޮށް ނުދީގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ 100 މިލިއަން ޑޮލަރު އެއް ފަހަރާ ދައްކާފަ އެވެ. އިންޑިއާއިން އެ ފަހަރު މުއްދަތު އިތުރު ނުކުރީ ވެރިކަން ބަދަލެ އެ ގައުމުން ހިތްހަމަ ނުޖެހިގެންނެވެ.
ދައުލަތުގެ ބަޖެޓުގައި 2018 އިން 2022 އަށް ބޭރުގެ ފަރާތްތަކަށް ބޮންޑު ވިއްކައިގެން ފައިނޭންސް ކުރާނެ ކަމަށް 4.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ރާއްޖޭގެ ފަރާތްތަކަށް ބޮންޑް ވިއްކައިގެން 930 މިލިއަން ރުފިޔާ ފައިނޭންސް ކުރާނެ ކަމަށް ހިމަނާފައިވެ އެވެ. ނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ބޮންޑް ވިއްކައިގެން އާމްދަނީ ހޯދަން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ބޮންޑު ވިއްކަންޖެހޭ ކަމަށް ވިދާޅުވެ، އެކަމަށްޓަކައި މަޖިލީހުގެ ލަފައެއް ހޯދާފަ އެވެ. ގަވަރުނަރު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި ބޮންޑް ވިއްކާއިރު އަމަލު ކުރަނީ ބޮންޑް ވިއްކައިގެން ފައިނޭންސް ކުރުމަށް ބަޖެޓްގައި ހިމަނާފައިވާ ޖުމުލަ އަދަދަށް ވުރެ އިތުރު ނުވާނެ އަދަދު ބަލައިގެން ކަމަށެވެ. ނަމަވެސް ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކި ބޮންޑާއެކު ޖުމްލަ އަދަދު އިތުރުވާނެ ކަމަށް ގަވަރުނަރު ވިދާޅުވެފައިވެ އެވެ.