ދައުލަތުގެ ދަރަނި

2020 ނިމުނުއިރު ރާއްޖޭގެ ދަރަނި 86.5 ބިލިއަނަށް

މިދިޔަ 2020 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި 86.5 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިިފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކުރި ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެތެރޭގެ ދަރަންޏާއި ގެރެންޓީ ދީފައިވާ ދަރަނި އެއްކޮށް ބަލާނަމަ ހުރީ 86.5 ބިލިއަން ރުފިޔާގަ އެވެ.

ދަރަނީގެ ތެރެއިން ބޭރުގެ ދަރަނި ހުރީ 44 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 42 ބިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ ޖުމްލަ ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީން ބަލާނަމަ ހުރީ 149 ޕަސެންޓުގަ އެވެ.

މިދިޔަ އަހަރަށް ބަލާއިރު ހަލުއި ކަމާއެކު ރާއްޖޭގެ ދަރަނި އިތުރު ވަމުން އައިސްފައިވެ އެވެ. އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 69 ބިލިއަން ރުފިޔާގަ އެވެ. ދެވަނަ ކުއާޓަރުގައި 74 ބިލިއަން ރުފިޔާއަށް އިތުރުވެ އަދި ތިންވަނަ ކްއާޓަރުގައި 80 ބިލިއަން ރުފިޔާއަށް އިތުރުވުމަށް ފަހު އަހަރު ނިމުނުއިރު ޖުމްލަ ދަރަނި ހުރީ 86.5 ބިލިއަން ރުފިޔާގަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކްއާޓަރު ނިމުނުއިރު ބޭރު ދަރަނި 34 ބިލިއަން ރުފިޔާގައި ހުރިއިރު، އެތެރޭގެ ދަރަނި ހުރީ 34.9 ބިލިއަން ރުފިޔާގަ އެވެ. އަދި ދެވަނަ ކުއާޓަރުގައި ބޭރުގެ ދަރަނި 37 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވެ އެވެ. މި މުއްދަތުގައި އެތެރޭގެ ދަރަނި ހުރީ 36 ބިލިއަން ރުފިޔާގަ އެވެ. އަދި ތިންވަނަ ކުއާޓަރުގައި ބޭރުގެ ދަަރަނި 38 ބިލިއަން ރުފިޔާ އަށް މަތިވިއިރު އެތެރޭގެ ދަރަނި ވެސް ވަނީ 41 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި ހަތަރު ވަނަ ކުއާޓަރު ނިމުނުއިރު ބޭރުގެ ދަރަނި 44 ބިލިއަން ރުފިޔާ އަށް އަރައި އެތެރޭގެ ދަރަނި 42 ބިލިއަން ރުފިޔާ އަށް އިތުރުވި އެވެ.

2020 ގެ ދަރަނި ކުރުކޮށް

  • ޖުމްލަ ދަރަނި 86.5 ބިލިއަން
  • ބޭރުގެ ދަރަނި 44 ބިލިއަން ރުފިޔާ
  • އެތެރޭގެ ދަރަނި 42 ބިލިއަން ރުފިޔާ
  • ޖީޑީޕީގެ ނިސްބަތުން ދަރަނި 149 ޕަސެންޓުގަ

މި މުއްދަތުގައި ރާއްޖޭން ގެރެންޓީ ދީފާއިވާ ދަރަނީގެ ނިސްބަތް ހުރީ 19.9 ބިލިއަން ރުފިޔާގަ އެވެ.

ރާއްޖޭގެ ދަރަނި މަތި ވެގެން ގޮސްފައި ދައުލަތުގެ އާމްދަނީ ބޮޑު ތަކުން މަދުވެފައިވަނިކޮށް މިވަނީ ކޮވިޑް-19 ގެ ސަބަބުން ބަޖެޓު ފޫ ބެއްދުމަށްޓަކައި ސަރުކާރުން ގިނަ އަދަދެއްގެ ލޯނު ނެގުމުންނެވެ. މިގޮތުން އެހީދޭ ޖަމިއްޔާތަކާއި ސަރުކާރުތަކުން ވެސް ދަރަންޏަށް ފައިސާ ނަގާފައިވެ އެވެ. މީގެތެރޭގައި އެންމެ ބޮޑު ދަރަންޏެއް މިހާރު އޮތީ އަވައްޓެރި އިންޑިއާގަ އެވެ.