ޖޫހީ ޗައުލާ އަކީ ކުރީގެ ރީތިގެ ރާނީ އެކެވެ. އަދި 90 އަހަރުތަކުގައި ސުޕަސްޓާރެއްގެ ގޮތުގައި ފިޔަޖެހި އެކްޓަރެކެވެ. މީގެ އިތުރުން ޖޫހީ އަކީ ވިޔަފާރިކުރާ މީހެއް ވެސް މެއެވެ. މިހާރު އޭނާއަކީ އޯގަނިކް ދަނޑުވެރިކަން ކުރާ ދަނޑުވެރިއެކެވެ.
ފިލްމީ ކެރިއަރުގައި އޭނާގެ ދައުރު ފުޅާ ކުރި ގޮތަށް ޖޫހީ އަބަދުވެސް އެހެން ރޮނގުތަކުން ވެސް މަސައްކަތް ކުރަމުން ދިޔަ އެވެ. ޖޫހީގެ ކެރިއަރުގެ ރަން ޒަމާނުގެ ގޮތުގައި ގުނާލެވުނު ވިއްސަކަށް އަހަރު ވެސް އޭނާގެ ސަމާލުކަން ހުރީ ހަމައެކަނި ފިލްމުތަކަކަށް ނޫނެވެ. އިޖުތިމާއީ އަދި ތިމާވެށީގެ ވަރަށް ގިނަ ކަންކަމަށް ވެސް ޖޫހީ ފޯކަސްކޮށް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެކަންކަން ހައްލު ކުރަން ވެސް ގިނަ ގުނަ މަސައްކަތްތަކެއް ޖޫހީ ކުރި އެވެ.
ޚާއްސަކޮށް ފާއިތުވީ 10 ވަރަކަށް އަހަރު ފިލްމީ ރޮނގަށް ވުރެ ވެސް ޖޫހީގެ އިޖްތިމާއީ މަސައްކަތްތައް މާ ބޮޑަށް ފާހަގަ ކޮށްލެވެ އެވެ.
ޖޫހީ، 53، ބުނީ ހަމައެކަނި ފިލްމީ ކެރިއަރަށް ވިސްނުމުގެ ބަދަލުގައި އެހެން ކަންކަމަށް އޭނާގެ ސަމާލުކަން ބެހިފައި އޮތުމަކީ ހަގީގަތުގައި އޭނާ އުފާ ކުރާ ކަމެކެވެ. ޚާއްސަކޮށް ފާއިތުވީ އަހަރުތަކުގައި އޭނާ ކުރަމުންދިޔަ ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ގިނަ ގުނަ މަސައްކަތްތަކާ މެދު އޭނާ ހިތްހަމަޖެހެ އެވެ.
"ތިމާވެށީގެ ކަންކަމުގައި އުޅެމުން ދިޔަ ވަރަކަށް ތިމާވެއްޓަށް އަހަރެންގެ ޝައުގުވެރިކަން އިތުރުވެ ވޯލްޑް އެންވާރަމަންޓަލިސްޓަކަށް އަހަރެން މިހާޜު ވެއްޖެ. އަދި ތައުލީމީ ރޮނގުން ވެސް ދުނިޔެއަށް ރަނގަޅު ގޮތްތަކެއް ވާން އަހަރެން ބޭނުންވޭ. ޚާއްސަކޮށް ކުޑަކުދިންނަށް ތައުލީމު އުނގައިދީގެން ދުނިޔެއަށް ތަފާތުކަމެއް ގެނައުމަކީ އަހަރެން އެދޭ ގޮތް،" ޖޫހީ ބުންޏެވެ.