ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: 207 މީހަކު ހޮސްޕިޓަލްގައި، ދެ މީހެއްގެ ހާލު ދެރަ

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 207 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު ދެ މީހެއްގެ ހާލު ދެރަ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑް ބަލީގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މި އަހަރު ފެށުނީއްސުރެ ކޮވިޑް ކޭސްތައް ފަންސާހުން ދަށަށް ދިޔައީ އެންމެ ދުވަހަކުއެވެ. ފުރަތަމަ 20 ދުވަހު ފަންސާހުން މަތީގައި އަދަދުތައް ހުރިއިރު މިދިޔަ 17 ދުވަހު ކޮވިޑް ކޭސްތައް ހުރީ ސަތޭކައިން މަތީގައެވެ.

މިއީ ކޮވިޑް ބަލީގައި އެންމެ ގިނަ ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ވަގުތެވެ. މިވަގުތުވެސް 207 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ދެރައެވެ. އެ ދެ މީހުންނަށް ފަރުވާ ދެނީ ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގެ 11 ވަނަ ބުރީގައެވެ. ދެ މީހުން އައިސީޔޫގައި އޮތްއިރު އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 189 މީހަކު އެޑްމިޓްކޮށްފައިވާއިރު އަތޮޅުތެރޭގެ ދެ ފެސިލިޓީއެއްގައި ނުވަ މީހަކު އެޑްމިޓްކޮށްފައިވެއެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 55 މީހަކު މަރުވެއްޖެ އެވެ. އެންމެ ފަހުން މީހަކު މަރުވީ މިއަދު އެވެ. މި މަހުގެވެސް ތިން މީހަކު ކޮވިޑްގައި މަރުވިއެވެ. ހުސްވި ޖަނަވަރީގައި ހަތަރު މީހަކު މަރުވިއެވެ. ރާއްޖެއިން މަރުވި 55 މީހުންގެ ތެރޭގައި ހިމެނެނީ 47 ދިވެހިންނާއި 8 ބިދޭސީންނެވެ.