ދުނިޔެ

ތޯލިބާނުން ޖަލު ފަޅައިލާނެތީ ބޮޑެތި ކުށްވެރިން އެހެން ޖަލަކަށް

ކާބުލް (ރޮއިޓާސް) ތޯލިބާނުން ޖަލު ފަޅާލައިފާނެ ކަމުގެ ބިރަށް އަފްގާނިސްތާނު ސަރުކާރުން ހެލްމަންޑް ޕްރޮވިންސްގެ ޖަލެއްގައި ތިބި "ނުރައްކާތެރި" 150 ކުށްވެރިޔަކު ވެރިރަށް ކާބުލްގެ ޖަލަކަށް ބަދަލުކޮށްފިއެވެ.

މި ޖަލު ހުރި ސަރަހައްދުގައި ސަރުކާރު ސިފައިންނާއި ތޯލިބާނާއި ދެމެދު މިހާރުވެސް ދަނީ ހަމަލާ ބަދަލު ކުރެވެމުންނެވެ.

މިދިޔަ ދެމަސްދުވަހުގެ ތެރޭގައި ތޯލިބާނުން ވަނީ އަފްގާނިސްތާނުގެ ދެ ޖަލެއް ފަޅާލައި އެތައް ސަތޭކަ ކުށްވެރިންނެއް ވަނީ ނެރެފައެވެ. މީފަދަ އެއް ހާދިސާގައި ތޯލިބާނުންގެ އަތްދަށަށް ކުރު މުއްދަތަކަށް ދިޔަ ކުންދުސް ސިޓީގެ ޖަލަކުން ނެރުނު އެތައް ސަތޭކަ ކުށްވރިންނެއް ހިމެނެއެވެ.

އަނެއް ހާދިސާ ހިނގީ ގާޒްނީ ޕްރޮވިންސް ގައެވެ. މި ހާދިސާގައި ވެސް އެތައް ސަތޭކަ ކުށްވެރިންނެއް ފިލިއެވެ. ދެ ޖަލުން ފިލި ހަނގުރާމަވެރިންގެ އަދަދު ގާތްގަނޑަކަށް ހާހަކަށް އަރާއިރު، ދުއިސައްތައެއްހާ ކުށްވެރިންނަކީ ސީދާ ތޯލިބާނުންނަށް ނިސްބަތްވާ ހަނގުރާމަވެރިންނެވެ.

މި ދެ ހާދިސާއާއިއެކު، އަފްގާނިސްތާނުގެ ސަރުކާރަށް ޖަލު ފަދަ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓޭ މިންވަރާއި ގައުމުގައި ސުލްހަ ބެލެހެއްޓޭ މިނަވަރާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އަފްގާނިސްތާނުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ކޮމިޝަންގެ ތަރުޖަމާނު ވިދާޅުވީ އަފްގާނިސްތާނުގެ ޖަލުތަކުގެ ސަލާމަތްތެރި ކަމާއިމެދު ކަންބޮޑުވާ ކަމަށާއި ސަލާމަތީ ގޮތުން އެކަށީގެންވާ ޖަލެއް އެގައުމުގައި މަދު ކަމަށެވެ. ސަރުކާރުން ބުނީ ޖަލުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށެވެ.