ހިޔާނާތް

ވެންޓިލޭޓަރުގެ މައްސަލަ: ފުލުހާއި އޭސީސީން ސިއްރުކުރާ މައުލޫމާތު ހޯދަނީ

ވެންޓިލޭޓަރުގެ މައްސަލައިގައި ފުލުހުންނާއި އޭސީސީން ސިއްރުކުރާ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުގެ ގަތުމުގައި ކޮރަޕްޝަން އެކުލެވޭ މައްސަލައިގައި 11 ފަރާތަކަށް ދައުވާ ކުރަން ފޮނުވި އެވެ. ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކެއް އަދި ގަރީނާއެއް ވެސް ނެތް ކަމަށެވެ.

އެ މައްސަލަ ފަހުން ޖުޑީޝިއަރީ ކޮމެޓީން ވެސް ބެލި އެވެ. މައްސަލަ ބެލުމަށް ފަހު އެ ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ވަނީ އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދައި އެ މައްސަލަ އަލުން މުރާޖައާ ކުރަން މިދިޔަ އަހަރު ނޮވެމްބަރު މަހު ޕްރޮސިކިއުޓާ ޖެނެރަލް އަށް ލަފާދީފަ އެވެ

"ޕްރޮސިކިއުޓާ ޖެނެރަލް 1 ފެބްރުއަރީގައި ވިދާޅުވެފައި މިވަނީ މި މައްސަލައާ ގުޅޭގޮތުން އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުސް އޮފީހަށް މައުލޫމާތު ހޯދުމަށް ދަންނަވާފައިވާނެ ކަމަށް. މިއަދާ ހަމައަށް އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް އަދި ފުލުސް އޮފީހުންވެސް ޕީޖީ އެ ބޭނުންވާ އެއްވެސް މައުލޫމާތެއް ފޮނުއްވާފައި ނުވާކަމަށް" ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.

އެހެން ކަމުން އޭސީސީއާއި ފުލުހުން ސިއްރުކުރާ އެ މައުލޫމާތުތައް ހޯދައި އެ މައުލޫމާތުތައް ސިއްރުކުރާ ސަބަބު ހޯދަން ރައީސް ނަޝީދު ވަނީ ޖުޑީޝިއަރީ ކޮމެޓީގައި މިއަދު އެދިވަޑައިގެންފަ އެވެ.

ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅިގެން ކުރެވެނު ތުހުމަތުތަކާ ގުޅިގެން ކުރިން ހެލްތު މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ އަމީން ވަނި މަގާމުން އިސްތިއުފާވެސް ދެއްވައިފަ އެވެ. އަދި އެ މައްސަލައިގައި ދެ ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑްވެސް ކުރި އެވެ. އެ ދެ ބޭފުޅުން އަދިވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ.