ބޭރު ކުޅިވަރު

ފީފާގެ މޮޅު ކުޅުންތެރިއާގެ މަގާމު ރޮނާލްޑޯ އަށް

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމަށް ދޭ ފީފާ ބެލޮންޑޯ އެވޯޑް ޖެހިޖެހިގެ ދެވަނަ ފަހަރަށް ޕޯޗުގަލްގެ ގައުމީ ޓީމާއި އާއި ރެއާލް މެޑްރިޑްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެ އެވެ.

ސްވިޓްޒަލޭންޑްގައި މިރޭ އޮތް ފީފާ އެވޯޑް ނައިޓްގައި ރޮނާލްޑޯ އަށް މި މަގާމު ހަވާލުކުރީ ފްރާންސް އާއި އާސެނަލްގެ ކުރީގެ ފޯވަޑް ތިއޭރޯ އޮންރީ އެވެ.

ރޮނާލްޑޯއާ މި މަގާމަށް އެންމެ ގާތުން ވާދަކުރީ ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ފޯވަޑް ލިއޮނެލް މެސީ އާއި ޖަރުމަންގެ ގައުމީ ޓީމާއި ބަޔާން މިއުނިކްގެ ގޯލްކީޕަރު މެނުއެލް ނޯޔާ އެވެ.

މިއީ ރޮނާލްޑޯ ފީފާގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ތިން ވަނަ ފަހަރެވެ.

ރޮނާލްޑޯ މި މަގާމު ހޯދީ ވޯޓުގެ 37.66 ޕަސެންޓް ހޯދައިގެނެވެ. މި މަގާމަށް އޭނައާ އެންމެ ގާތުން ވާދަކުރި މެސީ އަށް ލިބިފައިވަނީ ވޯޓުގެ 15.76 ޕަސެންޓެވެ. ނޯޔާ އަށް ލިބުނީ ވޯޓުގެ 15.72 ޕަސެންޓެވެ.

"އަހަންނަށް ވޯޓު ދިން ހުރިހާ ފަރާތްތަކަށް ޝުކުުރު އަދާކުރަން،" ރޮނާލްޑޯ ބުންޏެެވެ. "މި މަގާމު ތިން ފަހަރު ލިބޭނެ ކަމަށް ދުވަހަކު ވެސް އުންމީދެއް ނުކުރަން. އަހަރެން ބޭނުންވަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިއާ އަށް ވާން."

ރޮނާލްޑޯ ވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ރެއާލަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ 17 ލަނޑު ޖެހި އެވެ. އަދި ސްޕެއިން ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު އޭނާ ހޯދީ 30 މެޗުން 31 ލަނޑު ޖަހައިގެނެވެ.

ފީފާ އިން ހޮވި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމު ލިބުނީ ޖަރުމަންގެ ނަދީން ކެސްލާއަށެވެ. މި މަގާމާށް ކެސްލާއާ ވާދަކުރީ ބްރެޒިލްގެ މާރްތާ އާއި އެމެރިކާގެ އެބީ ވެމްބެކް އެވެ.

ޖަރުމަންގެ ވުލްފްސްބާގަށް ކުޅެމުންދާ ކެސްލާ ،26، ވަނީ މިދިޔަ ސީޒަންގައި ޖަރުމަން ލީގުގެ ޗެމްޕިއަންކަމާއި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ވުލްފްސްބާގަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އަހަރުގެ އެންމެ މޮޅު ލަނޑު ނުވަަތަ ފީފާ ޕުސްކަސް އެވޯޑް ލިބުނީ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް އަށެވެ. މި މަގާމު ހަމޭސް އަށް ލިބުނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އުރުުގުއޭ ކޮޅަށް އޭނާ ޖެހި މޮޅު ލަނޑަށެވެ.

އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ޖަރުމަނަށް މިދިޔަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު ޔަކިމް ލޯއަށެވެ.

ފީފާގެ ފެއާ ޕްލޭ އެވޯޑް މި އަހަރު ހާއްސަކުރީ ފީފާގެ މުބާރާތްތަކުގައި މަސައްކަތްކުރި ވޮލުންޓިއަރުންނަށެވެ.

ފީފާ ފިފްޕުރޯ ވޯލްޑް އިލެވަން:

ގޯލްކީޕަރު: މެނުއެލް ނޯޔާ (ޖަރުމަން)

ޑިފެންޑަރުން: ފިލިޕް ލާމް (ޖަރުމަން)، ޑަވިޑް ލުއިޒް (ބްރެޒިލް)، ތިއާގޯ ސިލްވާ (ބްރެޒިލް)، ސާޖިއޯ ރާމޮސް (ސްޕެއިން)

މިޑްފީލްޑަރުން: ޓޯނީ ކްރޫސް (ޖަރުމަން)، އަންދްރެސް އިނިއެސްޓާ (ސްޕެއިން)، އަންހެލް ޑިމަރިއާ (އާޖެންޓީނާ)

ފޯވަޑުން: ލިއޮނެލް މެސީ (އާޖެންޓީނާ)، އާރްޔެން ރޮބެން (ނެދަލޭންޑްސް)، ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް)