މިއުޒިކާ ގުޅޭގޮތުން މަޖިލީހުގައި މިއަދު ކުރިއަށްގެންދިޔަ ދެވަނަ ބަހުސްގައި މަދަހައިގެ ކޮޕީރައިޓްގެ މައްސަލަ ފެންމަތިކޮށްފި އެވެ.
މިއުޒިކްގެ ފަންނު އިތުރަށް ތަރައްގީކޮށް ޒުވާނުން މިއުޒިކް އަޑުއަހާލައި ރައްޓެހިންނާ ބައްދަލުކޮށް ސަމާސާ ކޮށްލާ ހަދާނެ މަރުކަޒެއް ގާއިމްކުރުމާ ގުޅޭގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅާފައިވާ ގަރާރަށް ކުރި ބަހުސްގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ނެންގެވީ ލަވަތަކާއި މަދަހައިގެ ކޮޕީ ރައިޓްތަކުގެ މައްސަލަ އެވެ.
މިއުޒިކާ ދެކޮޅު އޮއިވަރު ހުއްޓުވަން އިއްޔެގެ ބަހުސްގައި ގޮވާލެއްވި އިމްތިޔާޒް މިއަދު ވިދާޅުވި ބައެއްް މަދަހަަތައް އޭނާއަށް ވަަރަށް ރީތި ކަމަށާއި އޭގެން ދޭ މެސެޖުތައްވެސް ވަރަށް ރަނގަޅު ކަމަށެވެ.
އެހެން ނަމަވެސް އިމްތިޔާޒްގެ ކަންބޮޑުވުމަކަށްވީ މަދަހަ ކިޔާއިރު އެހެން ފަންނާނުންގެ މަދަހައިގެ ރާގުތައް ވަގަށް ނަގައިގެން ބައެއް މީހުން ކިއުމެވެ.
" ކޮޕީ ރައިޓަޑް ރާގުތައް ވަގަށް ނަގައިގެން މަދަހަ ކިއުމަކީ އަޅުގަނޑަކަށް ހިއެއް ނުވޭ މާ ރަނގަޅުކަމަކަށް ވެދާނެ ހެނެއް. ވަރަށް ރީތި މަދަހަތައްވެސް އެބަހުރި. މިކަހަލަ ދެކޮޅު ނުޖެހޭ ކަންތައްތައް ހިނގަމުންދޭ މުޖުތަމައުގެ ތެރޭގައި" އިމްތިޔާޒް ވިދާޅުވި އެވެ.
މައްޗަން ގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދުވެސް ބަހުސްގައި ބައިވެރިވެލައްވައި ހަމަ އެ މޭރުމުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާވެސް ވިދާޅުވީ ބައެެއްގެ ކޮޕީ ރައިޓްސްގައި ހިމެނޭ މަދަހަތައް ބޭނުންކޮށްގެން މަދަހަތައް ހަދާކަން އޭނާއަށްވެސް ފާހަގަކުރެވޭ ކަމަށެވެ.
"..ހަމަ ވަރަށް ރީތި މަދަހަ އަޅުގަނޑު އަޑުއަހަން. އެ މަދަހައިގެ ތެރޭގައިވެސް ވަަރަށް ހިތްހަމަ ޖެހޭ މަދަހަތައް އެބަހުރި. އެކަަމަކު އަޅުގަނޑު ބޭނުންނުވާ މަންޒަަރުވެސް އެބަހުރި އޭގެ ތެރޭގައ. އެއީ ހަގީގަތުގައި ބައެއްގެ އެެއްޗެއްގެ ހައްގަށް އަރައިގަނެގެން މީސް މީހުން ހަދާ ލަވަތަކާ އެއްޗެތި އަމިއްލަ އުފެއްދުންތެރިކަމެއް ބޭރުން އެހެން ބައެއްގެ އެއްޗަކަށް އަރައިގަނެގެން ކުރާ އުސޫލުން އެމީހުން އެކުރަމުންދަނީ " ރަޝީދު ވިދާޅުވިއެވެ.
ބައެއް މަދަހަތަކުގައި އެކިއެކި އިންސްޓްރޫމަންޓް ނުވަތަ އާލާތްތައް ބޭނުންކުރާއިރު ގިނަ މަދަހަތަކުގައި އެފަދަ އެއްވެސް އާލާތެއް ބޭނުމެއް ނުކުރެ އެވެ. ރަޝީދު ވިދާޅުވީ މިއުޒިކްގައި އެއްވެސް އިންސްޓްރޫމަންޓް ނުވަތަ އާލާތެއް ބޭނުންކުރުމަކީ އެއްވެސް ބަޔަކަށް އަނިޔާއެއް ދެވޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
" އިންސްޓްރޫމަންޓެއް ބޭނުންކޮށްގެން އެއްވެސް ބަޔަކަށް އަނިޔާއެއް ދޭން ޖެހިއްޖިއްޔާ ދެވިދާނެ. އެކަމަކު އެހެން ކަމަށްވިއްޔާ ލަވަ ކިޔައިގެންވެސް ބަޔަަކަށް އަނިޔާދީ ނުވަތަ ބަޔަކަށް ގެއްލުންވާވަރުގެ ކަމެއް ކުރާނަމަ އެއީ ގޯހެއް. އެކަމަަކު ހަމަ އެގޮތުން މަދަހަ ކިޔައިގެން ބަޔަކަށް ބައެއް ނުވަތަ ނަފްރަތު އުފެދޭ ކަންތައްތައްވެސް އުފެދިދާނެ" ރަޝީދު ވިދާޅުވިއެވެ.