ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި މިއުޒިކް ބަހުސްވީ ވަރަށް ހޫނު އެއްްޗެކަށް

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ މިއުޒިކާ ގުޅޭ ބަހުސް ދެއަތަށް ކަފިކަފިވެ، ވަރަށް ހޫނުކޮށް ކުރިއަށް ގެންގޮސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރެއްގައި އޭނާ އެދިވަޑައިގަތީ މިއުޒިކްގެ ފަންނު އިތުރަށް ތަރައްގީކޮށް ޒުވާނުން މިއުޒިކް އަޑުއަހާލައި ރައްޓެހިންނާ ބައްދަލުކޮށް ސަމާސާ ކޮށްލާ ހަދާނެ މަރުކަޒެއް ގާއިމް ކޮށްދޭށެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕާސަން އެ ގަރާރު ހުށަހަޅުއްވައި ވިދާޅުވީ މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި ކާރުބާރު ބޮޑުކަމާއި ގެދޮރުގެ ދަތިކަމުން ކުރިމަތިވެފައިވާ ހާސް ކަމުން އަރައިގަތުމަށް އޭނާގެ އެ ގަރާރު ކޮންމެހެން ވެސް މުހިންމުވާ ކަަމަށެވެ.

އެ ގަރާރާ ގުޅޭ ބަހުސްގައި ހަސަން ލަތީފުގެ ހުށަހެޅުމަށް އެމްޑީޕީގެ މެމްބަރުން ތާއީ ދުކުރެއްވި އިރު މަޖިލީހުގެ ތަޅުމުގައި އުދާސް ބޮޑުވެ ހޫނުވި އެވެ. އެހެން މެދުވެރިވީ އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ (ޕީއެންސީ) އަށް ނިސްބަތްވާ މެމްބަރުން އެ ގަރާރާ ދެކޮޅަށް ދެއްކެވި ވާހަތަކާއި އިސްކާމް ދީނާއި މިއުޒިކާ އޮތް ގުޅުމާ ގުޅޭގޮތުން ބައެއް މެމްބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ނެވެ.

ލަތީފުގެ ގަރާރަށް ތާއީދު ކުރައްވައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ދިވެހި އާޓިސްޓުންގެ އަގު ވަޒަންކޮށް އެމީހުންނަށް އާމްދަނީ ލިބޭނެ ގޮތް ހަދައި އެމީހުންގެ ލަވަތައް ގެނެސް ދޭ ޗެނަލްތަކުން ރޯޔަލްޓީގެ ގޮތުގައި ފައިސާ ދޭން ޖެހޭނެ ކަމަށެވެ. ލަވަކިޔުންތެރިން އެންމެ ލަވަޔަކުން ރިސޯޓަކުން އަހަރަކު ނުލިބޭ އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާ ކަަމަށް އޭނާ ވިދާޅުވި އެވެ. ހުނަރުވެރި އާޓިސްޓުން ރާއްޖެގައި ތިބިއިރު އެމީހުންނަށް އެފަދަ ކާމިޔާބު ނުލިބޭންވީ ސަބަބެއް ނެތް ކަމަށާއި މިއީ އެމަގަށް މަސައްކަތް ކުރަންވީ ވަގުތު ކަަމަށާއި އެކަމަށް ސަރުކާރުން އެކިއެކި އެހީތައް ދޭން ޖެހޭކަމަށް ގަބޫލު ކުރައްވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

"އަދި އަޅުގަޑުމެން މިގޮތަށް ވާހަކަ ދައްކާއިރު އަދި އެހެން އޮއިވަރެއް އަދި އެބަ އޮވޭ މިއުޒިކް ކުޅޭ އަދި ފަންނާނުންނާ ކުރިމަތިވާ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގެ ނަމުގައި ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ރޮކް މިއުޒިކް އެއީ މަނާ ކުރެވެން ޖެހޭނެ ކަަމަށް ދިނީ އިލްމުވެރިއަކު ވިދާޅުވޭ!" އިމްތިޔާޒް ވިދާޅުވި އެވެ.

އޭނާ ވަނީ މިއުޒިކާ ދެކޮޅު އޮއިވަރަކަށް ދައުލަތުން ޖާގަ ނުދޭން އޭނާ ގޮވާލެއްވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއުޒިކްގެ މުހިންމުކަން ފާހަގަ ކުރައްވަމުން ކުރީގެ އިސްލާމީ އުމަވީ އަދި އައްބާސީ ދައުލަތުގައި މިއުޒިކް އޮތް ގޮތުގެ މައްޗަށް އަލި އަޅުވާލެއްވި އެވެ. އަދި އެއީ މިއުޒިކްގެ ރަން ޒަމާން ކަމަށާއި އިސްލާމް ދީނަށް އެ ދުވަސްވަރު މީސްތަކުންގެ ހިތް ޖެހުނީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްލާމްދީން އަދި އިސްލާމީ ދައުލަތްތައް އެ މީހުންގެ ކަންފަތުގައި މިއުޒިކްގެ އަޑު ޖެހުނީމާ، އެމީހުން އިސްލާމީ ދައުލަތަށް އިތުރަށް ހިތް ކިޔާ ގޮތް ވެސް ވި،" އީވާ ވިދާޅުވިއެވެ.

ލަވަކިޔުން ހުއްޓާލައިފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ލަވަޔާ ނުލައި އީވާގެ ޒުވާން ހަޔާތް ނޯންނަ ކަމަށް އޭނާ މިއަދު ވިދާޅުވި އެވެ. ނައިފަރު ދޮހޮއްކޮގެ "މަރުވިއްޔާ ޝަރަފްގައި މަރުވާނަން"، ހަމްދީގެ " އާ ކުއްޖެކޭ ދަސްވީ ފަހުން" ފަދަ ލަވަތަކުން އޭނާއަށް ކުރި އަސަރު އީވާ މިއަދު ވަރަށް ރީއްޗަށް ސިފަ ކޮށެއްދެއްވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ބަހުސްގައި މައިގަނޑުގޮތެއްގައި ވާހަކަ ދެއްކެވީ އެމްޑީޕީން މިއަދު ހުށަހެޅި ގަރާރުގެ ނިޔަތާމެދު އެވެ. މިއުޒިިކް އަޑު އެހުމަކީ ދިވެހިންނަށް އާ ކަމެއް ނޫން ކަމަށާއި ތަހުޒީބް މުޖުތަމައެއް ބިނާ ކުރަން އިސް ފަސް އޮޅުވާ ނުލައި ކުރަންވީ ކޮންކަމެއްްތޯ ދެނެގަންނަން މަަސައްކަތް ކުރަން ޝިޔާމް ގޮވާލެއްވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ބުނާ ގޮތަށް ބިރަކާ ނުލާ މަޖާކުރަން ގޮވާލާއިރު ހެއްދެވި ފަރާތަށް ބިރުގަންނަން ޖެހޭނެ ކަމަށެވެ. މިފަދަ ގަރާރުތައް ހުށަހަޅައިގެން ކުރާ މަސައްކަތް ހުއްޓާލަން ވެސް އެނާ އެދި ވަޑައިގެންނެވި އެވެ.

އަލީ ރަމީޒުގެ ލަވަތަކާ ގުޅޭގޮތުން އީވާ ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ އަލީ ރަމީޒަކީ މިހާރު ލަވަކިޔުން ހުއްޓާލައިފައިވާ މީހެއް ކަމަށާއި އެ ނިންމުމަށް އިހްތިރާމު ކުރުމުގެ ގާބިލްކަން ވެސް ހުންނަން ޖެހޭ ކަމަށެވެ.

މިއަދުގެ ގަރާރަށް ދެން އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އޭނާ އެ ގަރާރު ސިފަ ކުރެއްވީ ރާއްޖެ ފަސާދަ ކުރަން ހުށަހެޅި ގަރާރެއްގެ ގޮތުގަ އެވެ. މާލޭގައި 25 އަށްވުރެ ގިނަ މިސްކިތް ހުރިއިރު ޒުވާނުން ހާސްކަން ފިލުވަން އެތަންތަނަށް ނުދާންވީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ. ދެން އޭނާ ވިދާޅުވި މިއުޒިކުން ފައިދާއެއް ލިބޭ ކަމަށް އެއްްވެސް ފޮތެއްގައި ނެތް ކަމަށެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރުގެ ވާހަކަތަކަށް އެންމެ ހޫނު ރައްދެއް ދެއްްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނެވެ.

"ނޮޅިވަރަމް ދާއިރާގެ މެމްބަރު ވަރަށް ބާރުލާފައި ވިދާޅުވި އަޅުގަނޑުމެން ލާދީނިއްޔަތު މިތާ ފާޅުކުރަނީއޭ. އެ ބޭފުޅާ ހިންގަވާ ރެސްޓޯރެންޓެއް. އެތާ ޖަހަނީ މަދަހައެއް ނޫން. ހަމަ އިނގިރޭސި ލަވަ ޖަހަނީ." ޝިޔާން ވިދާޅުވި އެވެ.