މަނޯޖް ބަޖްޕާއީގެ 30 އަހަރުގެ ފިލްމީ ކެރިއަރުގައި ވަރަށް މޮޅު ފިލްމުތަކެއް ކުޅެފައި ވެއެވެ. އޭނާގެ ހަމަ ކޮންމެ ފިލްމެއްގައި ވެސް އޭނާއަށް ކުޅެން ޖެހޭ ރޯލަށް އިންސާފު ކޮށްލާފައި ހުންނަނީ ވަރަށް ފުރިހަމައަށެވެ. މިހާރު ބޮލީވުޑްގައި މަސައްކަތްކުރާ އެންމެ ކުޅަދާނަ އެންމެ ހުނަރުވެރި އެއް އެކްޓަރުގެ ގޮތުގައި މަނޯޖް ބެލެވެނީ މި ސަބަބުތަކާ ހުރެ އެވެ. ނަމަވެސް މިހާ މޮޅަށް ކޮންމެ ރޯލެއް އޭނާއަށް ކުޅެލެވެނީ ކޮންމެ ފިލްމަކަށް ވެސް އޭނާ ވަރަށް ފުރިހަމައަށް ތައްޔާރުވާތީ އެވެ. އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން މިއަދާ ހަމަޔަށް ވެސް އޭނާ ކުޅޭ ހަމަ ކޮންމެ ފިލްމަކަށް އޭނާ ވަރަށް ބޮޑަށް ތައްޔާރުވެ އެވެ.
ނެޝަނަލް އެވޯޑު ދެ ފަހަރު ހޯދާފައިވާ މި ކުޅަދާނަ އެކްޓަރު މިހަރު އަނެއްކާ ވެސް މުޅީން އާ ފިލްމެއް ފެށުމުގެ ތައްޔާރީތައް ވާން ވަނީ ފަށާފަ އެވެ. މިކަމަށްޓަކައި އޭނާ ވަނީ އޭނާއާ އެހެން މީހުންނާ ގުޅެން ހުރި ހުރިހާ މުވާސަލާތީ ވަސީލަތްތަކެއް ކަނޑާލައި ބިންގަރާހަށް ވަދެ ފިލާފަ އެވެ. ދެން އޭނާއާ އެއްވެސް މީހަކަށް ގުޅޭނީ ފިލްމުގެ ޝޫޓިން ނިމުމުންނެވެ.
މަނޯޖް ދަންނަ މީހަކު ބުނި ގޮތުގައި އޭނާއަކީ ޑައިރެކްޓަރުގެ އެކްޓަރެކެވެ. މާނައަކީ ޑައިރެކްޓަރު ބޭނުން ކޮންމެ ވައްތަރެއް އޭނާ ލައްވާ ޖެއްސުވޭނެ އެވެ. މިފަހަރު މަނޯޖް ކުޅެން ހަމަޖެހިފައި ވަނީ ވަރަށް ގޮންޖެހުން ބޮޑު ވަރުގަދަ ރޯލެކެވެ.
މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން 15 ދުވަހުގެ ވޯކްޝޮޕެއް މަނޯޖް ދާދިފަހުން ވަނީ ފުރިހަމަ ކޮށްފަ އެވެ. އެ ވޯކްޝޮޕްގައި ބައިވެރި ވުމުން އޭނާގެ ކެރެކްޓާ ހުންނަން ޖެހޭނެ ގޮތް މަނޯޖް އަށް ވަރަށް ރަނގަޅަށް އެނގި ރަނގަޅަށް އެ ކެރެކްޓާއަށް ވަނުމުގެ ގޮތުން އެހެންމީހުންނާ މުޅިން ވަކިން ފިލްމު ނިމެންދެން ހުންނަން ނިންމީ އެވެ.
ފަންސާސް ދުވަހުގެ ޝެޑިއުލް އަކުން ފުރިހަމަ ކުރެވޭ މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާއިރު މަނޯޖްގެ ޚަބަރެއް އެއްވެސް މީހަކަށް ދެން ވާނީ ފިލްމު ނިމުނީ ކަމަށް ވެއެވެ.
މަނޯޖް އެންމެ ފަހުން ފެނިފައިވަނީ "ސޫރަޖް ޕޭ މަންގަލް ބާރީ" އިންނެވެ. އަދި ވެބް ސީރީޒްއެއްގެ މަސައްކަތް ވެސް ދާދިފަހުން އޭނާ ނިންމާފައި ވެއެވެ. އަދި "ޑައިލް 100" ކިޔާ ފިލްމަކާއި އިތުރު ބައެއް ފިލްމުތައް އޭނާ ކުޅެން ވަނީ ހަމަޖެހިފަ އެވެ.