ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި އެވެ.
އަލީ އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިކަން ޔަގީން ކޮށްދެއްވައިފަ އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ވެއްދެނީ 10 މެމްބަރުންގެ ސޮޔާއެކު އެވެ.
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަލީހް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅިއިރު އޭނާ މަގާމުން ވަކިކުރަން މީގެ ކުރިން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އޮތީ ނިންމައިފަ އެވެ. އަދި އެ މައްސަލަ މިހާތަނަށް ވެސް ތަންފީޒުކޮށްފައި ނުވާތީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އިއްޔެ ވަނީ ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ.
މީކާއީލް ވިދާޅުވީ މަލީހުގެ މައްޗަށް އިތުުބާރު ނެތް ކަމަށް ނިންމީ ރާއްޖެއާއި އެހެނިހެން ގައުމުތަކަކުގެ އިންޓަނެޓް އަގުތައް އަޅާކިޔައި ދިރާސާ އެއްކުރަން ކޮމިއުނިކޭޝަން މިނިސްޓްރީގެ ބޭފުޅުންތަކެއް އުޅުއްވުމުން މަލީހް އެކަން ހުއްޓުވުމުން ކަމަށެވެ.
ރާއްޖޭގެ ޓެލެކޮމް އޮޕަރޭޓަރުންނަށް މަންފާވާ ގޮތަށް ޓެލެކޮމް އޮތޯރިޓީއިން މަސައްކަތް ކުރާތީ އެކަން ހައްލުކުރަން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހުށަހަޅުއްވާފައިވާ ގަރާރަށް އިއްޔެއާއި މިއަދު ކުރި ބަހުސްގައިވެސް އެމްޑީޕީގެ މެމްބަރުން ވަނީ މަލީހު މަގާމުން ވަކިކުރަން ގޮވާލާއްވައިފަ އެވެ.
ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓްކުރަން ކޮމިއުކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ހަދައިފައި ނެތުމަކީ ވެސް އެމްޑީޕީގެ ގިނަ މެމްބަރުންގެ ފާޑިކިޔުން މަލީހުއަށް އަމާޒުވާ ސަބަބެކެވެ. އަދި އިންޓަނެޓްގެ އަގާއި އޭގެ ފެންވަރު ކޮންޓްރޯލް ކުރަން އެކަށީގެންވާ ވަރަށް މަސައްކަތް މަލީހް ނުކުރައްވާކަމުގެ ތުހުމަތުތައް ވެސް ކުރެ އެވެ
މީގެ ކުރިން ވަނީ އަދާލަތުގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމުގައި ހުންނެވި ޝިދާތާ ޝަރީފް ވެސް މަގާމުން ދުރުކޮށްފަ އެވެ.