މުހައްމަދު މަލީހު ޖަމާލް

ވަޒީރުންނަށް މަޖިލީހުން ބިރު ދައްކާ ކަމަށް މަލީހު ތުހުމަތު ކުރައްވައިފި

ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ބިރު ދައްކަމުންދާ ކަމަށް ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ތުހުމަތު ކުރައްވައިފި އެވެ.

އެފަދައިން މަލީހު ތުހުމަތު ކުރެއްވީ މިއަދު މަޖިލީހުގައި އޭނާގެ މައްޗަށް ކުރިއަށް ދިޔަ އިތުބާރު ނެތް ކަމުގެ ވޯޓުގައި ޖަވާބުދާރީވެ ވަޑައިގަތުމަށް ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގަ ނެވެ.

މަލީހު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅި ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓް ކުރަން ކޮމިއުކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ހަދާއިފައި ނެތުމާއި އެހެނިހެން މައްސަލަތައް ފެންމަތިކޮށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަދު މެމްބަރުންތަކެއް ސަރުކާރުގެ ވަޒީރުންނަށް ކަނޑައެޅިގެން ބިދު ދައްކަމުން އެބަ ދޭ.
އޭގެ ތަފްސީލަކަށް ފެންނާން އެ އޮތީ [ކުރީގެ މިނިސްޓަރު] ޝިދާތާއަށް މަޖުބޫރު ކުރުވި އިސްތިއުފާ ދޭން،" މަލީހް ވިދާޅުވި އެވެ.

މަޖިލީހުން ބިރު ދެއްކި ކަމަށް މަލީހު ފާހަގަ ކުރެއްވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމު އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައި އޮއްވަ އެވެ. އިސްތިއުފާ ނުދެއްވައިފިނަމަ މަގާމުން ވަކިކުރާނެ ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އޭރު ދިޔައީ ވަރަށް ބޮޑަށް ގޮވާލައްވަމުންނެވެ.

ޝިދާތާއަށް މަޖިލީހުން ބިރު ދެއްކީ ކޮންގޮތަކުންތޯ އަދި އެކަން ފެންނާން އޮތް ގޮތާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސުވާލު ކުރެއްވުމުން މަލީހަށް ވާހަކަފުޅު ދައްކަން ލިބިވަޑައިގެންނެވި ވަގުތު މާ މަދުކަމަށް ވިދާޅުވި އޭގެ ތަފްސީލަކަށް ވަޑައިގެން ނުގެންނެވި އެވެ.

މަލީހުގެ އެ ވާހަކަތަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ހަގީގަތަށް ހިލާފަށް ވާހަކަ ދައްކާނަމަ މަޖިލީހުގެ އިމްތިޔާޒް ކޮމެޓީ އަށް ފޮނުވާނެ ކަމަށާއި އަދި އެކަން ސާބިތުވެއްޖެނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްއަށް ފޮނުވާނެ ކަމަށެވެ.