މުހައްމަދު މަލީހު ޖަމާލް

މަލީހުގެ އިތުބާރު ނެތްކަމަަށް ވޯޓު ދޭން އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފި

ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ މައްޗަށް އެމްޑީޕީން އިސްވެ ނަގަން ތާވަލްކޮށްފައިވާ އިތުބާރު ނެތް ކަމުގެ ވޯޓަށް އެ ޕާޓީން ތްރީ ލައިން ވިޕެއް ނެރެފި އެވެ.

ސާދަ މެމްބަރުންގެ ސޮޔާއެކު މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް މަޖިލީހަށް އެެ މައްސަލަ ހުށަހެޅުއްވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް މައުލޫމާތު ފުރިހަމަ ނޫން ކަމަށް ބުނެ މަލީހަށް ފޮނުވި ނޯޓިސް އޭނާ އަނބުރާ ފޮނުވާލެއްވި އެވެ.

މަލީހުގެ މައްސަލަ މިހާރު ވަނީ މާދަމާގެ މަޖިލީހަށް އެޖެންޑާވެސް ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް "އަވަސް" އަށް ވިދާޅުވީ މަލީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭން ތްރީ ލައިންގެ ވިޕެއް ނެރުނީ އޭނާ ވަކިކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ކުރިން ނެރެފައިވާ ވިޕާ އެއްގޮތަށް ކަމަށެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް 43 މެމްބަރުންގެ އަގުލަބިއްޔަތު ބޭނުންވާނެ އެވެ. އަދި އޭގެ ކުރީން ޖަވާބު ދާރިވުމުގެ ފުރުސަތު ދޭން ޖެހެ އެވެ.

މަލީހުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށްވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

މަލީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަަގަން ނިންމީ ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓް ކުރަން ކޮމިއުކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ހަދައިފައި ނެތުމާއި އިންޓަނެޓް އަގުބޮޑުވުމުން އެކަމަށް ހައްލު ހޯދައިދެވިފައިނުވުން ފަދަ މައްސަތައް ފެންމަތިކޮށެެވެ.

މަލީހު މިނިސްޓަރު ކަމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. އެނާއަކީ ނިމިގެން ދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރުވެސް މެެއެވެ.