ސައިންސް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މިއަދު ފާސް ކޮށްފައި ވަނިކޮށް، މިއަދު އެ ޕާޓީން ފާސްކުރީ އަމިއްލަ ވެރިކަމެއްގާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އިތުބާރު ނެތް ކަމަށް ކަމަށް ވިދާޅުވެ، އެ ނިންމުމަށް މަލީހް ރައްދު ދެއްވައިފި އެވެ.
މިނިސްޓަރު މަލީހު އާ ދެކޮޅަށް އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އަބަދުވެސް އަމާޒުވާ އެއް ބޭފުޅަކީ މަލީހެވެ. މަލީހަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާ ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވެއެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމަށްވެސް އެ މެންބަރުން މީގެ ކުރިން ގޮވާލާފައިވެއެވެ. މީގެ އިތުރުން މަލީހު މަގާމުން ވަކިކޮށް ދިނުމަށް ރައީސް ސޯލިހަށްވެސް އެ މެންބަރުން ގޮވާލާފައިވެއެވެ.
މަލީހު މަގާމުން ދުރުކުރުމުގެ މަސައްކަތްތަކެއް ފެށީ ޓީވީ ޝޯ އެއްގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ މެންބަރުންނަށް މަލީހު ފާޑުވިދާޅުވުމުންނެވެ. އެ ވާހަކަތަކަށް ރައްދުދީ އެމްޑީޕީގެ މެންބަރުން ވަނީ ޓްވީޓްތަކެއްވެސް ކުރައްވާފައެވެ. އަދި މަލީހަށް އެެއްވެސް އިތުބާރެއް ނެތް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ޒާތީވެ ބައެއް މެންބަރުން ޓްވީޓްވެސް ކުރެއްވިއެވެ. އެ ހުރިހާ ޓްވީޓްތައް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރިޓްވީޓްވެސް ކުރެއްވި އެވެ.
މިއަދުގެ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި މަލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
މަލީހުގެ އިތުބާރުނެތްކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްދިނީތީ އުފާކުރައްވާކަމަށް ވިދާޅުވެ މީކާއިލް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައި މަލީހު ވިދާޅުވީ އެމްޑީޕީން މިއަދު ފާސްކޮށްފައިވަނީ އަމިއްލަ ވެރިކަމެއްގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއަށް އިތުބާރުނެތް ކަމަށެވެ.
"ތިޔައީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން ބައިކޮޅަށްޖެހި ގޯލެއް. އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރު،" އެމްޑީޕީގެ ނިންމުމަށް އިޝާރާތް ކުރައްވައި މަލީހް ވިދާޅުވި އެވެ.
މަޖިލީހުގެ މަސައްކަތްތަކަށް ފާޑުވިދާޅުވުމުން، އެމްޑީޕީގެ ނުރުހުން އަމާޒުވެ، މަގާމުން ވަކި ކުރަން އުޅުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުންކަމަށް މަލީހު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.