ވަޒީރުންނާއި އެހެންވެސް އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަކީ ހައިރާންވާވަރު ކަމެއް ނޫނެވެ. ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ހަަސަން ޒަރީރު -- މިނިސްޓަރު ޒާހިޔާގެ ބައްޕާފުޅު -- ގެ މައްޗަށް 1980 ގައި އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހުގައި ނެގި އެވެ. އެއީ ތާރީހީ ވޯޓެކެވެ. އޭގެ ފަހުން ވެސް އިތުބާރުގެ މައްސަލާގައި ތަފާތު އެތައް ވޯޓްތައް ނަގައި އެތައް ވޯޓަކަށް ފެހިވެ، ވޯޓުގެ ކުރީ އިސްތިއުފާ ދެއްވުން ފަދަ އެތައް ކަމެއް ތާރީހުން ޖާގަ ހޯދާފައި ވެއެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓްގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ މައްޗަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކީ މާ ބޮޑަށް ވެސް ތާރީހީ ވޯޓެއްގެ ގޮތުގައި ލިޔެވިފައި އޮންނާނެ އެވެ.
ސަރުކާރުގެ ތަރުޖަމާނު ކަމާ ހަވާލުވެ ވަޑައިގެން މުހައްމަދު މަބްރޫކް ފުރަތަމަ ބޭއްވެވި ޕްރެސްގައި މަލީހުގެ އިތުބާރާ ގުޅޭ ސުވާލެއް އަމާޒުވި އެވެ. އެ ދުވަހު އޭނާ ވިދާޅުވި ގޮތުގައި ސައިންސް މިނިސްޓްރީ އާއި މިނިސްޓަރާ ގުޅޭ "ނުރަނގަޅު މައްސަލަތައް ފާހަގަކޮށް" އެމްޑީޕީގެ ޕީޖީ ގްރޫޕުން ފޮނުވާފައިވާ ސީޓީއެއް ރައީސްގެ މޭޒުކޮޅުގައި އެބައޮތެވެ.
އެއީ ފެބުރުއަރީން 10 އެކެވެ. އިއްޔެއަކީ މާރިޗުން އެއް ދުވަހެވެ؛ މީގެ މާނައަކީ މަޖިލީހާއި މަޖިލީހުގެ ރައީސްގެ ބާރު ގަދަކަމުން ގޮސް މަލީހުގެ މައްސަލާގައި ރައީސް ސޯލިހަށް އެއްޗެއް ވިދާޅުވާން ކެރިވަޑައި ނުގަތީ އެވެ. ނޫނީ މަލީހާ މެދު ކަންވެ ނިމިގެން އެ ދިޔައީ ރައީސް ސޯލިހު ބޭނުންފުޅުވާ ގޮތަށެވެ. މި ދެ ގޮތުން ކުރެ ކޮންމެ ގޮތެއް ވިޔަސް އެއީ ރައީސް ސޯލިހަށް، ސަރުކާރަށް ކުރިމަތިވި ލަދެކެވެ.
މަޖިލީހުގައި މަލީހަށް ތުހުމަތު ކުރި މައްސަލައާ ބެހޭ ގޮތުން މަޖިލީހަށް ވެސް އަދި ރައީސް ސޯލިހުގެ ސަރުކާރަށް ވެސް ވަށައި ޖެހޭ އެއްވެސް ވާހަކައެއް ބުނެދެވިފައެއް ނުވެ އެވެ. ތުހުމަތުތަކުގެ ދިފާއުގައި މަލީހު ދެއްކެވި ވާހަކަ ނަފީ ކުރެވޭނެ އެއްވެސް ހުއްޖަތެއް "މަޖިލިސް މެންބަރުން ނުރުނީމާ އެ ނުރެހެނީއޭ" ބުނުން ފިޔަވައި އެއްވެސް ދިމާއަކުން ނުދެއްކުމުން އެއީ ރައްޔިތުންގެ ކުރި މަތީގައި މަޖިލީހާއި އެގްޒެކެޓިވް ބާރު، ވި ފޭއްޔެއް ފިޔަވައި އެހެން ކޮން އެއްޗެއް ހެއްުވެ؟
މަލީހު ކެބިނެޓަށް ވަޑައިގަތީ ޖޭޕީގެ ސްލޮޓެއްގަ އެވެ. އޭނާ ނިސްބަތްވާ އެ ޕާޓީއެއް ވެސް ސަރުކާރު ކޯލިޝަންގައި ސިޔާސީ ފައިދާ ނަގައިގެން އެބަ އޮވެ އެވެ. އެހެން ނަމަވެސް މި މައްސަލާގައި އެއްޗެއް ބުނާކަށް އެ ޕާޓީއަކަށް ނުކެރުނެވެ. ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ދުނިޔޭގެ ލަދަށް އެއްޗެއް ވިދާޅުވީ މެދުވެރިއެއް ބޭނުން ކުރައްވައިގެނެވެ. އެވެސް "ގެރިމަރުވި" ފަހުންނެވެ. ޕާޓީގެ އެހެން ދިމަ ދިމާއިން ވާހަކަ އައީ ވެސް ހުރިހާ ކަމެއް ނިމުމުންނެވެ.
މަލީހާ ކުރިމަތިވި ސިޔާސީ ކޮޅިގަނޑުގެ ވިލާ ބޯވެ، ބޯމަތިވަމުން ގޮސް ބަންޑުވުމުން އެ މައްސަލާއެކު މަލީހު އިއްޔެ މަޖިލީހަށް ވަޑައިގަތް އިރު ކެބިނެޓްގެ އެހެން އެއްވެސް ވަޒީރަކު ވެސް އޭނާގެ މިނިސްޓްރީގެ އެއްވެސް ވެރިއެއް / މުވައްޒަކު ވެސް ދިފާއުގައި އެއްޗެއް ނުބުނެ އެވެ. އެގެޒެކެޓިވް ބާރާއި މުޅި ދައުލަތުގެ ވެރިޔާ ރައީސް ސޯލިހު ވެސް މަލީހާމެދު އަމަލު ކުރަނީ ބޭއިންސާފުންނޭ ނުވަތަ އިންސާފުންނޭ ވެސް ވިދާޅުވާކަށް ބޭނުންފުޅެއް ނުވި އެވެ. މަލީހު ހުންނެވީ ގިނިކަންޏާ އެވެ.
މީގެ ކުރީން މޭ 20، 2015 ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވަނިކޮށް މަލީހު މަގާމަކުން ވަކިކުރެއްވި އެވެ. އެހެންވީމާ ވަޒީރުކަން ގެއްލުމަކީ އޭނާއަށް ބާ ކަމެކެވެ. އެކަމަކު އިއްޔެ ކުރެއްވުނު ފަދަ އިހުސާސެއް ކުރިން މަލީހަށް ކުރެއްވިފައި އޮންނާނެ ހެނެއް ހީއެއް ނުވެއެވެ.
އިތުބާރު ނެތް ކަމަށް ވެއްދި މައްސަލައަށް ގިނިކަންޏާ ވިޔަސް މަލީހު ޖަވާބުދާރީވެ ވަޑައިގަތީ ސާބިތު ކަމާއެކު އެވެ. އެކަން ގިނަ އާންމުން ވަނީ ފާހަގަ ކޮށްފަ އެވެ.
ރަނގަޅަށް ތައްޔާރުވެ ވަޑަައިގެން އިއްޔެ މަލީހު މަޖިލީހަށް ވަޑައިގެންފައި ވަނީ ވެސް "ރިޔާސަތުގެ ގިޔަރު" މައްޗަށް އަރާނެ ވަރު އެނގިވަޑައިގެންކަން އޭނާ މަޖިލީހުގައި ބޭނުން ކުރެވި ގޮންޖެއްސެވުމުގެ ބައެއް އިބާރާތްތަކުން އެނގެ އެވެ. އޭގެ ތެރޭގައި "ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިއަސް ފަހަތަށް ނުޖެހޭނެ!" އާއި "މި އައީ މަގާމުގެ ދިފާއުގައެއް ނޫނެވެ. މި ދަނީ ގާނޫނު އަސާސީގެ މާއްދާ 27 ގެ ދިފާއުގަ" ކަމަށް ހިމެނެ އެވެ.
ޖަވާބުދާރީވެ ވަޑައިގަތުމަށް މަޖިލީހުގައި މަލީހު ސާބިތު ކަމެއް ދެއްކެވި ނަމަވެސް އަދި މަޖިލީހުގެ މެންބަރުން މަލީހާމެދު ވަކި ގޮތެއް ނިންމައިގެން ތިއްބެވި ނަމަވެސް، މަޖިލީހަށް ގޮންޖައްސަވައި މުރަނަ ކަމެއް ގެންގުޅުއްވުމަކީ އެހާ ހަމަޖެހޭ ކަމެއް ނޫނެވެ. ޖަވާބުދާރީވެ ވަޑައިގަތުމުގައި މަލީހު ޕޮއިންޓް ހޯއްދެވި ނަމަވެސް މަޖިލީހާއި ރިޔާސަތަށް ގޮން ޖެއްސުމުގައި ބޭނުން ކުރެއްވި މުރަނަ ބަސްތަކުގެ ސަބަބުން މަލީހަށް ޕޮއިންޓެއް ކެނޑެ އެވެ. އެއީ އެންޓަޓެއިން ކޮށްލާވަރު ކަމަކަށް ބައެއް މީހުނަށް ވިޔަސް އެއީ މަލީހަށް ކުރެއްވުނު މާ މޮޅު ކަމެއް ނޫނެވެ.
މެމްބަރުންގެ ހުރިހާ ސުވާލުތަކަށް ވެސް އަދި ކުރިންސުރެ ކުރަމުން އައި ހުރިހާ ތުހުމަތަކަށް ވެސް މަލީހު ވަރަށް ފުދޭ ޖަވާބުތައް ދެއްވެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާއާ މިނިސްޓްރީގެ މުވައްޒަފުން ކުރަން ޖެހޭ މަސައްކަތް ނިންމަވަަނީ ރައީސުލްޖުމްހޫރިއްޔާގެ ލަފަޔާ އިރުޝާދަށެވެ. މަސްއޫލިއްޔަތުތަކަކީ ރައީސް އޮފީހާ ހިއްސާ ކުރެވިފައިވާ ލިޔުންތަކެވެ. ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާ އެއްގޮތަށް ސައިންސް މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ހުރީ ނިމިފަ އެވެ. އެކަމަކު މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ 90 ޕަސެންޓް މަސައްކަތް އޮތީ ސަރުކާރުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރާ ހަވާލުކޮށްފަ އެވެ. އޭނާ ހުންނަވަނީ ރައީސް އޮފީހުގަ އެވެ. އޭނާގެ ބެލުމުގައި ހުރި ގިނަ ހުރީ ފުރިހަމަ ނުވެއެވެ. އިންޓަނެޓާއި ޓެލެކޮމިއުނިކޭޝަންއާ ގުޅޭ މައްސަލަތަކުގައި މަޖިލީހުގެ ދުރުމިއަކަށް އެ މީހާއަށް ނާރަ އެވެ.
"ކީއްވެގެންތޯ ސަރުކާރުގެ ޗީފް ޓެކްނޮލޮޖީ މިނިސްޓަރު ނުގެންނެވިގެން ތިއުޅެނީ؟" މަލީހު އިއްޔެ ސުވާލެއް ކުރެއްވި އެވެ.
މަލީހުގެ ދެއްކެވި ވާހަކަތަކީ ތާކުންތާކު ނުޖެހޭ ބުހުތާނެއްކަން އަދި ކުރިންސުރެ އޭނާގެ މައްޗަށް އޮތް ތުހުމަތަކީ ތެދެއްކަން ސާބިތުކޮށް ދެވޭނެ އެއްވެސް ވާހަކައެއް މެންބަރުންގެ ފަރާތަކުން އިއްޔެ ނާދެ އެވެ. މަލީހު ވަކި ކުރަން ޖެހޭ ސާފު ސަބަބެއް ވެސް ނުދެއްކުނެވެ. މުޅީން ވެސް އައީ ބޭކާރު ބަހަނާ ތަކަކެވެ.
މެމްބަރުންގެ ހަމަ އެކަނި ޝަކުވާއަކީ ކޭމް އިން ހަދަން ޖެހޭ ގަވައިދުތައް ހަދާއިފައި ނެތުމާއި މިނިސްޓްރީ ހިނގައި ނުގަތުމެވެ. އެއަށް ވެސް މަލީ ޖަވާބު ދެއްވި އެވެ. އެކަމަކު އެއާ ގުޅުވާލައި ދައްކާވާނެ ވާހަކައެއް މަޖިލީހުގެ އެއްވެސް މެންބަރަކަށް އެނގިވަޑައެއް ނުގަތެވެ.
"ނަހަދާ ކަމަށް ބުނާ ހުރިހާ ގަވައިދުތަކެއް ވަނީ ހަދަައި ނިންމައިފައި" މަލީހު ވިދާޅުވި އެވެ. "އަޅުގަނޑަށް އަދަބު ދޭން ތި އުޅުއްވަނީ ތިން މިނިސްޓަރެއްގެ މިނިސްޓަރުކަމުގައި ނުނިންމުނު ކަންކަން އަޅުގަނޑު ނިންމީމާތޯ؟
މަލީހުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވައި އަމިއްލަ އުފަންދުވަހުގައި އެ މައްސަލައިން ކާމިޔާބު ހޯއްދަވައި އުފާ ކުރެއްވެވި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު، އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ސާފު މެޖޯރިޓީގެ ހިޔާލު އެއް ގޮތް ކޮށްލަން ބޭނުން ކުރެއްވި އިބާރާތަކީ މަލީހުގެ ވާހަކަތަކަށް ދެއްވުނު ޖަވާބަކަށް ނުފުދުނެވެ.
"މިއީ ތުހުމަތުތަކެއްކޮށް ތަހުގީގެއް ހިންގަން ޖެހޭވަރުގެ ކަމެއްކަމުގައި އަޅުގަނޑު ނުދެކެން! އަަޅުގަނޑުމެން ހިތްހަަމަނުޖެހުނީމާ އެ ވަޒީރަކު އެ މަގާމުން އެކަހެރިވާން ޖެހޭނީ. އެއީ އަޅުގަނޑުމެން ނިންމާ ނިންމުމެއްް، ހިތްހަމަ ނުޖެހުނީމާ އެ ނިމުނީ،" އާޒިމްގެ ވާހަކައަކީ އެއީ އެވެ.
އާޒިމްގެ އެ ވާހަކައަކަށް ފަހު "65" ގެ މުޅި ވާހަކަ ބަދަލުވީ އެ ގޮތަށެވެ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވި ގޮތުގައި ވެސް "ނުރުހުމުން އެ ނިމުނީ" އެވެ.
މަލީހު ވަކިކުރުމުގެ ބަހުސްގައި މަލީހުގެ މައްސަލައަކީ ކޮބައި ކަމެއް ސާފެއް ނުވެ އެވެ. އެކަން ބުނެއެއް ވެސް ނުދެވުނެވެ. ހަމަ އެކަނި ބަހަނާތަކެއް ތެރޭގައި މައްސަލަ ބާވައި މަޖިލީހަށް މަލީހު ހާޒިރު ކުރުވައި "ޑުރާމާ ޒުވާބެއް" ކުރުން ނޫން ކަމެއް ނުވެ އެވެ. އެހެންވެ ގިނަ ބައެއްގެ ނަޒަރުގައި އެ ޒުވާބުގެ "އެވޯޑް ވިނާ" އަކީ މަލީހެވެ. ނަމަވެސް މަޖިލިސް އޮތީ މަލީހު މަގާމުން ވަކިކޮށްގެނެވެ. ސަރުކާރު އޮތީ އެގޮތް ގަބޫލުކޮށް އެ ހެން ބޭފުޅަކާ މިނިސްޓްރީ ހަވާލުކޮށްގެނެވެ.
އެކަމަކު ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މޭ 22، 2017 ގައި ނިންމާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް ބުނާ ގޮތުން މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓަކުން ބޭފުޅަކު މަގާމުން ދުރު ކުރިޔަސް، އެ ނިންމުން ތަންފީޒު ވާނީ ސުޕްރީމް ކޯޓުން ފަހު ބަހެއް ބުނުމުންނެވެ. އެ ބަހެއް އަދި އެއް ނާދެ އެވެ. އަޔަސް ނަޔަސް ކޮންމެ ގޮތެއް ވިޔަސް މިއީ ތާރީހީ ވޯޓެއް އަދި ތާރީހީ ހާދިސާއެކެވެ. މަލީހެއް ދެން މި ސަރުކާރުގެ ވަޒީރު ކަމަކު ނުހުންނާނެ އެވެ.