މުހައްމަދު މަލީހު ޖަމާލް

"އަދަބު ދެނީ މާއްދާ 27 ގެ ބޭނުން ހިފުމުން"

އިތުބާރު ނެތް ކަމަށް ބުނެ ކުރެއްވި ތުހުުމަތުތައް ދޮގު ކުރައްވައި، އަދަބު ދެއްވަނީ "މާއްދާ 27" ގެ ބޭނުން ހިއްޕަވާތީ ކަމަށް ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު މިއަދު މަޖިލީހުގައި ތުހުމަތުތަކުން ބަރީއަވެ ވަޑައިގެންފި އެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ އޭނާގެ މައްޗަށް ހުށަހަޅައި މިއަދު ބަހުސް ފެށި އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް މަޖިލީހުގެ ދެއްވި ފުރުސަތުގެ ބޭނުން ހިއްޕަވައިގެނެވެ.

ޖަވާބުދާރީވެ ވަޑައިގަތުމަށް ލިބި ވަޑައިގެންނެވި ފުރުސަތުގައި މިނިސްޓަރު މަލީހު މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި އެ ތުހުމަތުތައް ކުރަން ފަށާފައި ވަނީ ޓީވީ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމާ ދެކޮޅަށް ދެއްކެވި ވާހަކަތަކަކާ ގުޅުވައި އެކަމާ ޒާތީ ވެެގެން ކަމަށެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުން ނަގައިގެން އުޅޭ މައްސަލައަކީ ވެސް އެއީ ކަމަށެވެ.

މަލީހު ވިދާޅުވީ މަޖިލީހަށް މިއަދު ވަޑައިގެންނެވީ މަގާމުގެ ދިފާއުގައި ނޫން ކަމަށާއި އޭނާ ވަޑައިގެންނެވީ ގާނޫނު އަސާސީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ 27 ވަނަ މާއްދާގެ ދިފާއުގައި ކަމަށެވެ. އަދި ވިދާޅުވީ ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިޔަސް މާއްދާ 27 ގެ ބޭނުން ހިއްޕަވާނެ ކަމަށެވެ.

"ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިޔަސް މާއްދާ ހަތާވީހުގެ ބޭނުން ހިފާނަން" މަލީހު ވިދާޅުވި އެވެ

މަލީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަަގަން ނިންމީ ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓް ކުރަން ކޮމިއުކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ހަދައިފައި ނެތުމާއި އިންޓަނެޓް އަގު ބޮޑު ވުމުން އެކަމަށް ހައްލު ހޯދައި ދެވިފައި ނުވުން ފަދަ މައްސަތައް ފެންމަތި ކޮށެެވެ. އެކަމާ ގުޅުވައި މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ އަހަރު ފަހުކޮޅު އޮތީ ނިންމައިފަ އެވެ.

މަލީހު ވިދާޅުވީ މެމްބަރުން ވިދާޅުވ ބަޖެޓުގެ ދަތިކަމާއެކު ވެސް ކޮމިއުކޭޝަން އޮތޯރިޓީން ހަދަންޖެހޭ ގަވައިދުތައް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެ ގަވައިދުތައް ނެހެދިއަސް އަޅާނެ ފިޔަވަޅެއް ބަޔާންކޮށްފައި ނުވާތީ މެމްބަރުންގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ. މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލަފާ ފުޅާ އިރުޝާދުގެ ދަށުން ކަމަށާއި ތުހުމަތުތަކުގައި އަސާސެއް ނެތް ކަމަށް ވިދާޅުވި އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަލީހަށް ފޮނުވި ނޯޓިސް މަލީހު ބަލައެއް ނުގަންނަވަ އެވެ. އެއީ އޭގައި މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށް މަލީހު ވަނީ ވިދާޅުވެފަ އެެވެ. މިއަދުވެސް މަލީހު ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން މަޖިލީހުން ފޮނުވި ދެވަނަ އެޓޭޗްމަންޓްގައި ހުސް ކަރުދާސްގަނޑެެއް އޮތުމުން އޭނާ ވަނީ ސުވާލު އުފެއްދާފަ އެވެ.

މަލީހުއަކީ ނިމިގެން ދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރުވެސް މެެއެވެ. ނަމަވެސް އެ ސަރުކާރުގައި ވެސް އޭނާ މަގާމުން ދުރުކުރިީ އެވެ. މާޒީއަށް އިޝާރާތް ކުރައްވައި މަލީހު ވިދާޅުވީ ކުރިންވެސް ހުންނެވީ ސާބިތު ކަމާއެކު ކަމަށާއި މިފަހަރު ވެސް ސާބިތު ކަމާއެކު ހުންނަވާނެ ކަމަށެވެ.