މި ސަރުކާރުގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަަމުގެ މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށް ދާއިރު މަލީހު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ގިނަ މެމްބަރުން މަޖިލީހަށް ވަޑައެއް ނުގެންނެވި އެވެ.
ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓް ކުރަން ކޮމިއުކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ހަދާއިފައި ނެތުމާއި އެހެނިހެން މައްސަލަތައް ފެންމަތިކޮށް މަލީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ވެރިކަން ކުރާ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
މިއަދު ކުރިއަށް ގެންދިޔަ ބަހުސްގައި ޖޭޕީން މަލީހުގެ ދިފާއުގައި ނުކުންނެވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެކަންޏެވެ. ދެން މަލީހުގެ ދިފާއުގައި އެއްޗެއް ބުނީ ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން ނެވެ.
ރިޔާޒާއެކު ޖުމްހޫރީ ޕާޓީގެ ފަސް މެމްބަރުން މަޖިލީހުގައި ތިއްބަވަ އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހިމެނި ވަޑައިގަންނަވަ އެވެ. ނަމަވެސް މަޖިލީހުން ގާސިމް ވެސް މިއަދު ފެނިވަޑައެއް ނުގަންނަވަ އެވެ. މަލީހަކީ ކުރިން ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒެއް ވެސް މެއެވެ.
މަލީހު އިތުބާރު ނެތް ކަމުގެ ވޯޓު ސިފަ ކުރެއްވީ ޒާތީ މައްސަލައެއްގެ ގޮތުގަ އެވެ. އެއީ ޓީވީ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމްއާ ދެކޮޅުކަން ކަމަށް ވިދާޅުވުމުން ހަޖަމް ނުވެގެން ކަމަށް މަލީހު ވިދާޅުވި އެވެ.
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް މަޖިލީހުގައި ވިދާޅުވީ މަލީހުގެ ވާހަކަތަކުގައި ހަގީގަތެއް އޮތް ނަމަ މަލީހު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ މެމްބަރުން ދިފާއުގައި ނުކުންނެ ވިީސް ކަމަށެވެ. އެހެން ކަމުން ޒާތީ މައްސަލައެއް ކަމަށް ބުނެ ދައްކާ ވާހަކަތަކާ މެދު ސުވާލު އުފެއްދެވި އެވެ.
ޖޭޕީގެ ގިނަ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ނެތުމުން ވެރިކަންކުރާ ކޯލިޝަން އެބައޮތްތޯ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް މިއަދު ސުވާލު އުފެއްދެވި އެވެ.
"ޖުމްހޫރީ ޕާޓީގެ ގިނަ މެމްބަރުން މިތާގަ ނެތްކަން އަޅުގަނޑަށް ދޭހަވަނީ ކޯލިޝަންގެ އިތުބާރު ވެސް ނެތް ކަން" ސައިދު ވިދާޅުވި އެވެ.