ސްރީލަންކާ

ދެ ވެރިއަކަށް ކޮވިޑްޖެހި ލަންކާ އެމްބަސީ ހިދުމަތް އޮންލައިން ކޮށްފި

Feb 10, 2021
3

ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ދެ ވެރިޔަކަށް ކޮވިޑް ޖެހި އެމްބަސީގެ ހިދުމަތްތައް އޮންލައިން ކޮށްފި އެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އިސް ދެ ވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެ އެމްބަސީ ވަނީ ބަންދު ކޮށްފަ އެވެ. އަދި ދިވެހިންގެ ބޮޑު އާބާދީއެއް އޮތް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެމްބަސީން މިވަގުތު ހިދުމަތްތައް ދޭނީ އޮންލައިން ކޮށެވެ.

ލަންކާގައި ގާތްގަނޑަކަށް 15،000 އަށް ވުރެ ގިނަ ދިވެހިން އުޅެ އެވެ. ލަންކާ އެމްބަސީއަކީ ހިދުމަތް ދިނުމުގައި ބިޒީ އެމްބަސީއެކެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދިވެހި އެމްބަސީ ބަންދުކޮށް ހިދުމަތްތައް އޮންލައިން ކުރި ނަމަވެސް އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެ ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަން ފެށުމާއެކު ވެސް އެ އެމްބަސީގެ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުންދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މީގެ ކުރިން ވެސް އެ އެމްބަސީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްފައި ވެއެވެ.

ދުނިޔޭގައި ކޮވިޑް އެންމެ ރަނގަޅަށް މެނޭޖުކުރި އެއް ގައުމުގެ ގޮތުގައި އޮތް ލަންކާގައި މި ފަހުން ކޮވިޑް ފެތުރޭ މިންވަރު ވަނީ އިތުރުވެފަ އެވެ. އެ ގައުމުގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރޭގައި ދިވެހިން ވެސް ހިމެނޭއިރު މިހާތަނަށް 71،000 ވުރެ ގިނަ މީހުންނަށް އެބަލި ޖެހި 370 މީހަކު ވަނީ މަރުވެފަ އެވެ. ނަމަވެސް މި ނަންބަރުތަކާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. ކޮވިޑްގެ ހަގީގީ ނަންބަރުތައް ލަންކާއިން ސިއްރު ކުރަމުންދާ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.