އަބްދުއްރަހީމް އަބްދުﷲ

"ވެކްސިނެއް ނުޖަހަން، ދެކޮޅެއްވެސް ނޫން"

އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ކޮވިޑް ވެކްސިން ޖައްސަވާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަަތައް އޭނާ ދޮގު ކުރައްވައިފި އެވެ.

ސަރުކާރު ހިންގާ ޕާޓީތަކަށް ނިސްބަތްވާ ބައެއް އެކްޓިވިސްޓުން ގެންދަނީ އިދިކޮޅުގެ ސަޕޯޓަރުންނަށް އޮޅުވާލުމަށް ފަހު އިދިކޮޅުގެ އިސްވެރިން ކޮވިޑް ވެކްސިން ޖައްސަވާފައިވާ ކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ. އޭގެ ތެރޭގައި އަބްދުއްރަހީމްގެ ނަންވެސް ހިމަނަ އެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންގެ ތެރެއިން ކޮވިޑް ވެކްސިން ޖެއްސެވީ ކުރީގެ ރައީސް އަދި އިދިކޮޅުގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުރުން ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅުގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

ފެތުރެމުންދާ ވާހަަކަތައް ދޮގުކޮށް އަބްދުއްރަހީމް ވިދާޅުވީ އޭނާ ކޮވިޑް ވެކްސިން ޖެއްސެވި ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ކޮވިޑް ވެކްސިން އަދި ނުޖައްސަވާ ކަމަށާ ވެކްސިނާވެސް އަދި ވެކްސިން ޖެހުމާވެސް އޭނާ ދެކޮޅު ނޫން ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ރައްޔިތުންނާއެކު،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އިންޑިއާއިން ވަނީ 50،000 މީހުންގެ ގަޔަށް ޖެހޭނެ ވެކްސިން ހަދިޔާ ކޮށްފަ އެވެ. އިންޑިއާއިން ހަދިޔާކުރި ވެކްސިންގެ ޔަގީންކަން ހޯދަން ކަމަށް ބުނެ އިދިކޮޅުގެ އިސްވެރިން ހިމެނޭހެން އެ ކޯލިޝަންގެ ސަޕޯޓަރުން ވަނީ މާލޭގައި އިހުތިޖާޖެއް ވެސް ކޮށްފަ އެވެ.

އަދި އިދިކޮޅަށް ނިސްބަތްވާ ބައެއް ބޭފުޅުން ވަނީ މަޖުބޫރު ކޮށްގެން ނޫން ގޮތަކަށް އިންޑިއާއިން ހަދިޔާކުރާ ވެކްސިން ނުޖައްސަވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް އިިދިކޮޅުގެ ދެ އެޑްވައިޒަރުން ވަނީ ވެކްސިން ޖައްސަވާ އެންމެން ވެސް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާފަ އެވެ.