ކްރިމިނަލް ކޯޓް

އަމުރުގައި ޕީޖީ އޮފީހުގެ ނަން ޖެހީ އޮޅިގެން: ކޯޓް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ކޯޓް އަމުރުގައި ލިޔެފައި ވަނީ އޮޅިގެން ކަމަށް އެ ކޯޓުން ބުނެފި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ގައުމުން ބޭރަށް، އިނގިރޭސި ވިލާތަށް ވަޑައިގެންފަ އެވެ. އަވަސްއަށް ވަނީ އޭނާ ފުރުން މަނާ ކުުރުމުގެ އަމުރު ބާތިލުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ކޮޕީއެއް ލިބިފަ އެވެ. އެ ކޮޕީގައި އަލީ ވަހީދު ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައި ވަނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެނެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން މިރޭ ބުނީ އަމުރު އެރެން އެދުނު ފަރާތުގެ ގޮތުގައި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީސް ލިޔެފައި ވަނީ އޮޅިގެން ކަމަށެވެ. ކޯޓުން ބުނީ އަމުރު ބާތިލުކޮށް ޕާސްޕޯޓް ދޫކޮށްލީ އަލީ ވަހީދު އެދިގެން ކަމަށެވެ.

ޕީޖީ ޝަމީމް ވެސް ވަނީ ކޯޓް އަމުރުގައި އޮތީ އޮޅުމެއް ކަމަށް ބުނެފައެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީ މާދަމާ ބަޔާނެއް ނެރޭނެ ކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށް ކޯޓުން ބުންޏެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިނުވާ ކަމަށެވެ.

އަލީ ވަހީދު ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށައަޅާފައިވާ ކަމަަށް ވެސް އެ އަމުރުގައި ވެއެވެ. މި އަމުރު ނެރެފައި ވަނީ ގާޒީ ހަސަން ސައީދެވެ.