ވިޔަފާރި

މަސައްކަތްތައް ސަރަހައްދީ ވިޔަފާރިތަކަށް ދެނީ

Feb 11, 2021

ދައުލަތުގެ އޮފީސް ތަކުގެ ބީލަންތަކުގައި ސަރައްދަށް ނިސްބަތްވާ ވިޔަފާރި ތަކަށް އިސްކަން ދޭނެ އުސޫލެއް ފިނޭންސް މިނިސްޓްރީން އެކުލަވާލައިފި އެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުން ބާރު ލިބިގެން އެކުލަވައިލި މި އުސޫލުގެ ބޭނުމަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ އެންމެ ކުދި، އަދި ކުދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރު ރާއްޖޭގެ އިގްތިސޯދުގައި ފުޅާ ކުރުމެވެ. އަދި އެފަދަ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވުމުގެ ގާބިލުކަން ފަހި ކޮށްދިނުމުގެ ގޮތުން ދައުލަތުގެ އޮފީސްތަކުން ތަކެއްޗާއި ހިދުމަތް ހޯދުމުގަ އާއި މަސައްކަތް ކުރުވާއިރު، އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަން ދިނުމެވެ.

މީގެ އިތުރުން ދައުލަތުގެ އޮފީސް ތަކުން ތަކެއްޗާއި ހިދުމަތް ހޯދުމުގައާއި މަސައްކަތް ކުރުވާއިރު ހާމަ ކަންބޮޑު ހަމަހަމަ އުސޫލެއްގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް ދައުލަތުގެ އޮފީސް ތަކުން ތަކެއްޗާއި ހިދުމަތް ހޯދުން އަދި މަސައްކަތް ކުރުވާއިރު ދިވެހިންނަށް އިސްކަން ދިނުމެވެ.

އުސޫލުގައިވާ ގޮތުން ދައުލަތުގެ އިދާރާތަކުން ކުރިޔަށް ގެންދާ ފަސް މިލިއަން ރުފިޔާއަށް ވުރެ ކުދި ޕްރޮކިއުމަންޓްތައް ހުޅުވާލަން ވާނީ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ. އަދި ދައުލަތުގެ އިދާރާ ތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓުގެ އަންދާޒާ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ކުޑަނަމަ އެ ޕްރޮކިއުމަންޓެއް ހުޅުވާލާނީ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަންޏެވެ.

މި އުސޫލުން މަޝްރޫއުތައް ދޭއިރު، ފުރަތަމަ ފަހަރަށް ހުޅުވާލާއިރު އެފަދަ ފަރާތަކުން ކުރިމަތި ނުލާނަމަ، ނުވަތަ ޝަރުތު ފުރިހަމަވާ ފަރާތެއް ނެތްނަމަ މި ފަންތިއަށް ނުފެތޭ ދިވެހި ވިޔަފާރިތަކަށް ކުރިމަތިލެވޭ ގޮތަށް އަލުން އިއުލާން ކުރާނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އާ އުސޫލުގެ ދަށުން ރަށަކަށް ނިސްބަތްވާ ފަރާތެއް މަސައްކަތަށް ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި ހިމެނޭކަމުގައިވާނަމަ، އެ ރަށަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ރޭންކް ކުރާ ފަރާތުން ހުށަހެޅި ބީލަމަށް ލިބުނު މާކްސް އާއި މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރި ފަރާތަށް ލިބުނު މާކްސްގެ ފަރަގު 10 ޕަސެންޓަށް އަށްވުރެ ބޮޑު ނުވާނަމަ އެ ރަށަކަށް ނިސްބަތްވާ ފަރާތަށް މަސައްކަތް ހަވާލުކުރާނެ ކަމަށެވެ.

މި އުސޫލުގައިވާ ގޮތުން އެ އަތޮޅަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ރޭންކް ކުރާ ފަރާތުން ހުށަހެޅި ބީލަމަށް ލިބުނު މާކްސް އާއި މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރި ފަރާތަށް ލިބުނު މާކްސްގެ ފަރަގު ފަސް ޕަސެންޓަށް ވުރެ ބޮޑު ނުވާ ނަމަ އެ އަތޮޅަކަށް ނިސްބަތްވާ ފަރާތަކަށް މަސައްކަތް ހަވާލު ކުރާނެ އެވެ.