ޗެލްސީ

ކެޕާއަށް "އާ ފެށުމެއް" ހޯދައިދޭން ޓޫހުލްގެ ވައުދު

އަގު ބޮޑުކޮށް ޗެލްސީއަށް ގެނައި ނަމަވެސް، ބާކީ ވެފައި ހުރި ކީޕަރު ކެޕާ އަރީޒަބަލަގާއަށް "އާ ފެށުމެއް" ހޯދައިދޭން ޗެލްސީގެ މިހާރުގެ ކޯޗް ތޯމަސް ޓޫހްލް ވައުދު ވެއްޖެ އެވެ.

އެފްއޭ ކަޕްގެ ފަސް ވަނަ ރައުންޑްގައި މިރޭ، ބާންސްލީ އާ ދެކޮޅަށް ކުޅޭ މެޗުގައި ކެޕާއަށް ފުރުސަތު ދޭން ޓޫހުލް ވަނީ ނިންމާފަ އެވެ. އެ ފުރުސަތު ވެގެން ދާނީ ޓޫހްލްގެ ކޯޗް ކަމުގެ ދަށުން ކެޕާ ކުޅޭ ފުރަތަމަ މެޗެވެ.

"އަހަރެމެން ބަލައިފިން އޭނާގެ ހާލަތު ސްޕޯޓިން ނަޒަރުން އޭނާއަށް އުނދަގޫ ކަންތައްތަކެއް އެބަހުރި،" ޓޫހުލް ބުންޏެވެ. "ފަހަރެއްގައި އޭނާގެ ޓްރާންސްފާ ދިޔަ ގޮތުން ވެސް އޭނާގެ ކޮނޑުގައި މާ ގިނަ ޕްރެޝާ އުފުލަން ޖެހުން ކަމަށް ވެދާނެ. މިހާރު ރަނގަޅު ކަމަކީ އޭނާ މިހާރު އެ ފަށަނީ އާ ފެށުމެއް. ސަބަބަކީ އޭނާ މީގެ ކުރިން އަހަރެންނާއެކު މަސައްކަތް ކޮށްފަ އެއް ނުވުން."

ޗެމްޕިއަންސް ލީގްގެ ގަދަ 16 ގައި، އެތުލެޓިކޯ މެޑްރިޑާއި ޗެލްސީ ކުޅެން ހަމަޖެހިފައިވާ މެޗު ވަނީ، ރޮމޭނިއާ އަށް ބަދަލު ކޮށްފަ އެވެ. އެއީ ސްޕެއިންގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ޗެލްސީގެ ޓީމަށް މެޑްރިޑަށް ދަތުރު ކުރުމުގެ ހުއްދަ ނުލިބުމުންނެވެ.