ކުޅިވަރު

ރެފްރީން ފޭވާ ކުރާކަމަށް ބުނުމުން ޕީކޭ ތަހްގީގަށް

ސްޕެއިންގެ ރެފްރީން ރެއާލް މެޑްރިޑަށް ފޭވާ ކުރާ ކަމަށް، ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފައި ވުމުން އެ މައްސަލައިގެ ތަހްގީިގެއް ސްޕެއިންގެ އެފްއޭއިން ފަށައިފި އެވެ.

ދާދި ފަހުން ދިން އިންޓަވިއުގައި، ޕީކޭ ބުނީ ސްޕެއިންގެ ގިނަ ރެފްރީންނަކީ ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ކަމަށާއި އެހެންވެ ނިންމުންތަކުގައި ރެފްރީން ރެއާލް ކޮޅަށް ބުރަވާ ކަމަށެވެ. ސްޕެއިންގެ ރޯޔަލް ފުޓްބޯޅަ ފެޑްރޭޝަންގެ ސްޕޯކްޕާސަން ބުނީ ތަހުގީގް ކުރިއަށް ދާކަން ބާސެލޯނާ މެދުވެރިކޮށް ޕީކޭއަށް އަންގާފައި ވާނެ ކަމަށެވެ.

ރެފްރީންނާ ގުޅޭ ގޮތުން ޕީކޭ ކުރި ކޮމެންޓްގައި އޭނާއާ ގުޅޭ ކަންކަމުގައި ތަހްގީގު ކުރާނީ، ފެޑްރޭޝަންގެ ގަވައިދާ އޭނާ ހިލާފުވެފައި ވޭތޯ އެވެ. އަދި ރެފްރީންނާ ބެހޭގޮތުން ތަހްގީގު ކުރާނީ ރެފްރީންގެ ނިންމުންތަކުގައި ހަމަހަމަ ކަން ގެއްލިފައިވާ ކަމަށް ކުރާ ތުހުމަތަށެވެ.

ސްޕެއިންގެ މަޝްހޫރު ޔޫޓިއުބާ މާރިއޯ އަލްފޮންސޯ ނުވަތަ ޑީޖޭ މާރިއޯގެ ނަމުން މަޝްހޫރު ވެފައިވާ ޗެނަލްގައި ޕީކޭ ދެއްކި ވާހަކައިގައި އޭނާ ވަނީ ކުރީގެ ރެފްރީ އެޑްއާޑޯ އިޓްރާލްޑޭ ގޮންޒާލޭޒް މިދިޔަ އަހަރު ބުނި ވާހަކައަށް އިޝާރާތް ކޮށްފަ އެވެ.

މިދިޔަ އަހަރު ގޮންޒާލޭޒް ބުނެފައި ވަނީ ސްޕެއިންގެ ރެފްރީންގެ ތެރެއިން 90 ޕަސަންޓް ރެފްރީން ނަކީ، ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ކަމަށެވެ. ބާާކީ 10 ޕަސަންޓް ސަޕޯޓު ކުރަނީ ބާސެލޯނާއަށް ކަމަށެވެ.

ޕީކޭގެ ވާހަކަތަކާ ގުޅިގެން ސްޕެއިންގެ ނޫސްވެރިން ބާސާގެ ކޯޗް ރޮނަލްޑް ކޫމަން އާ ސުވާލު ކުރުމުން ކޫމަން ބުނެފައި ވަނީ މެޗުތަކުގައި ރެފްރީން ވަކި ކޮޅަކަށް ބުރަ ވާނެ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.