ހަބަރު

ޓޫރިޒަމް ދައިރާއަށް ތައުލީމީ ފުރުސަތުތަކެއް

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރު ތަމްރީނުތަކާއި ތައުލީމީ ފުރުސަތުތައް ހޯދައި ދޭން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޓޫރިޒަމާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ އެމްއެންޔޫގެ އެކެޑެމިކް ޕްރޮގްރާމްތަކާއި ކޯސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުން މީހުން ތަމްރީނު ކޮށްދޭން ޓޫރިޒަމް މިނިސްޓްރީން އެދިގެން ހެދި އެއްބަސްވުމެކެވެ.

އެއްބަސްވުމުގައި މިނިސްޓްރީން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.

މިނިސްޓްރީން ބުނީ، މި އެއްބަސްވުމަކީ ފަތުރުވެރިންގެ ސިނާއަތުގައި ދިވެހި މަސައްކަތްތެރިން އިތުރުކުމާއި، ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެމީހުން އަދާ ކުރާހިތްވާ ވަޒީފާތައް ހޯދުމަށް އިތުރު ފުރުސަތުތަކަށް މަގުފަހިކޮށްދޭން ހެދި އެއްބަސްވުމެއް ކަމަށެވެ.