މުހައްމަދު މަލީހު ޖަމާލް

ހިޔާލުފާޅުކުރާނަން، ބިރެއް ނުދެއްކޭނެ: މަލީހު

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕަށް ކަމުނުދިޔައީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ފާޅުގައި ވާހަކަ ދެއްކުމުން ކަމަށާ ނަމަވެސް ބިރުދެއްކި ނަމަވެސް ހިޔާލުފާޅު ކުރައްވާނެ ކަަމަށް ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެމްޑީޕީން ވަނީ މަޖިލީހަށް ހުށައަޅާފައެވެ. އެކަން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ ޔަގީންކޮށްދީފައެވެ. އެކަން ޔަގީންކޮށްދީ އާޒިމް ކުރެއްވި ޓްވީޓަށް މަލީހު ވަނީ ރައްދު ދެއްވާފައެވެ. މަލީހު ވިދާޅުވީ އަސާސެއް ނެތް ކަމެއް ބޮލު އަޅުވާ އަދަބު ދޭން އުޅުމަކީ ދުސްތޫރާ ހިލާފު ކަމެއް ކަމަށެވެ. އަދި ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ ކަމަށް ވިދާޅުވެ ލެކޮމިއުނިކޭޝަން ގާނޫނޫގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން އެކުލަވާލުމަށް ލާޒިމުކުރާ ގަވާއިދުގެ މަސައްކަތް ނިންމާ އޭޖީ އޮފީހަށް ފޮނުވި ކަމުގެ ލިޔުމެއް ހިއްސާ ކުރެއްވިއެވެ.

މަލީހުގެ އެ ވާހަކަތަކަށް އާޒިމް މިއަދު ވަނީ ރައްދު ދެއްވާފައެވެ. އާޒިމް ވިދާޅުވީ ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ ކަމަށް ބުނެ މަލީހު ހެއްދެވީ އިތުރުފުޅެއް ކަމަަށެވެ. ޓެލެކޮމިއުނިކޭޝަން ގާނޫނޫގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން އެކުލަވާލުމަށް ލާޒިމުކުރާ ގަވާއިދުގެ މަސައްކަތް ނިންމާ އޭޖީ އޮފީހަށް ފޮނުވި ނަމަވެސް އެކަން ކުރީ އެމްޑީޕީގެ މެންބަރުން މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނެގި ފަހުން ކަމަަށެވެ.

"އެއްވެސް މީހަކަށް ގާނޫނަށްވުރެ މަތީގައި ހުރެވިގެން ނުވާނެ،" އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ މަލީހު ވިދާޅުވީ އެމްޑީޕީއަށް "ހަޖަމު" ގެ މައްސަލަ ކުރިމަތިވީ ވީޓީވީން ގެނެސްދިން ޕްރަގްރާމެއްގައި ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަަށް ވާހަކަ ދެއްކި ހިސާބުންނެވެ. އަދި ބިރު ނުދެއްކޭނެ ކަމަށް ވިދާޅުވެ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ބޭނުން ހިފާނެ ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ވާނުވާ ނޭންގޭ ކަމަށްތޯ ހީކުރައްވަނީ. 'ހަކުރާގެ' ފެންޑާގައި އެކޮޅުކޮން އެލުވިޔަސް މާއްދާ 27 [ހިޔާލުފާޅުކުރުމުގެ މިނިވަންކަން] ގެ ބޭނުން ހިފާނަން. ބިރެއް ނުދެއްކޭނެ،" މަލީހު ވިދާޅުވިއެވެ.

މަލީހުގެ އެ ޓްވީޓާ ގުޅިގެން އާޒިމް ވަނީ "އަޅުގަނޑަށް ބިރު ދައްކަވަނީތޯ" ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

އާޒިމަށް ރައްދުދީ މަލީހު ވިދާޅުވީ ޕީޖީ ގުރޫޕްގެ ތާކިހާ އަޅުއްވައިގެން އާޒިމް ހަތަރުދަމު ކުރައްވާ މަސައްކަތަކީ ސަރުކާރު ބަލިކަށި ކުރުން ކަމަށެވެ. ފަހަރަކު ވަޒީރަކާއި ދިމާކޮށްލަމުން އެއްވެސް އަސާސެއް ނެތި ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މިނިސްޓަރު އަހުމަދު މަހުލޫފް އަދި މިނިސްޓަރު އިމްރާން އަބްދުﷲ އާއި މިނިސްޓަރު ޒަހާ ވަހީދުއާ އެމްޑީޕީން ދިމާކޮށްލިކަން މަލީހު ފާހަގަ ކުރެއްވިއެވެ.

"ތި ކަމުން ލިބޭނެ މޮޅެއް ނޯންނާނެ. މާ ބޮޑާ ވެގެން ނުހުންނަވާ،"' އާޒިމަށް އިޝާރާތް ކޮށް މަލީހު ވިދާޅުވިއެވެ.