ސުޝްމީތާ ސެން

ސުޝްމިތާ އާއި ލޯބިވެރިޔާ ރޮހްމާން ރުޅިވީތަ؟

ސުޝްމިތާ ސެން މިދިޔަ ބުދަ ދުވަހު ސޯޝަލް މީޑިއާގައި ޝެއާކުރި ޕޯސްޓަކާ ގުޅިގެން ގިނަ ބައެއްގެ ހިތުގައި ބައެއް ކަހަލަ ޝައްކުތައް އުފެދޭ ގޮތް ވަނީ ވެފަ އެވެ. ސުޝްމިތާގެ ޝެއާކުރި މެސެޖުގައި ފިރިހެނުންނާއި އަންހެނުންގެ ގުޅުންތަކުގައި އެކި މީހުން ކަން ކުރާ ގޮތާ ބެހޭ ވާހަކަތަކެއް ލިޔެފައި ވެއެވެ. އެހެންވެ ސުޝްމިތާގެ ފޭނުންނަށް ހީވެގެން އުޅެނީ އޭނާ އާއި ލޯބިވެރިޔާ ރޮހްމާން ޝޯލްގެ މެދުގައި މައްސަލަޖެހުނީ ކަމަށެވެ.

"މައްސަލައަކީ އަންހެނުންނަށް ގަބޫލު ކުރެވިފައި އޮންނަނީ އޭނާ ބަދަލު ވާނޭ. އެކަމު ނުވާނެ. ފިރިހެނުން ކުށް ކުރަނީ އަންހެންމީހާއަށް އޭނާ ދޫކޮށްލާކަށް ނުކެރޭނޭ ހިތާ. އޭނާ [އަންހެންމީހާ] ދޫކޮށްލާނެ. މި ވާހަކަކޮޅުން ލިބޭ އިބުރަތަކީ އޭނާއަށް ނުދާނެ. އަންހެންމީހާ ދާނެ އޭ،" ސުޝްމިތާ އިންސްޓަގްރާމްގައި ޝެއާކުރި ޕޯސްޓުގައި ލިޔެފައި ވެއެވެ.

މި ޕޯސްޓު ކިޔާފައި ވަރަށް ގިނަ މީހުންނަށް ގަބޫލު ކުރެވިފައި ވަނީ ސުޝްމިތާ އާއި ރޮހްމާން ރުޅިވެއްޖެ ކަމަށެވެ. ސުޝްމިތާ އާއި ރޮހްމާން ރައްޓެހިވީއްސުރެ ދެ މީހުން ސޯޝަލް މީޑިއާގައި އަބަދުވެސް ޝެއާ ކުރަމުން ދިޔައީ މުޅިން ވެސް ލޯބީގެ މެސެޖުތަކެވެ.

ސުޝްމިތާ އާއި އޭނާ އެޑޮޕްޓް ކޮށްފައިވާ ދެ ދަރިން ކަމަށްވާ ރީނީ އާއި އަލީސާ އަދި ރޮހްމާން ދިރިއުޅެމުން ދަނީ އުފާވެރި އާއިލާއެއް ގޮތަށެވެ. ބޭރު ގައުމުތަކުގައި ޗުއްޓީ ހޭދަ ކުރުމާއި އާއިލާގެ އެކި ފަންކްޝަންތަކުގައި ވެސް މިމީހުން ބައިވެރިވެފައި ވަނީ އެއް އާއިލާއެއްގެ ގޮތުގަ އެވެ.

ސުޝްމިތާ އާއި ރޮހްމާން ކައިވެނި ކުރަން އުޅޭ ކަމުގެ ޚަބަރުތައް ދޭތެރެ ދޭތެރެއިން އިވެ އެވެ. ނަމަވެސް އެއްވެސް ފަހަރަކު މި ކަން ހަގީގަތަކަށް ވެފައެއް ނެތެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ރޮހްމާން ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނީ ސުޝްމިތާ އާއި އޭނާ އަދި ދެ ދަރިން ދިރިއުޅެމުން ދަނީ އެއް އާއިލާއެއްގެ ގޮތުގައި ކަމަށެވެ. އަދި ސުޝްމިތާގެ ދަރިންނަކީ އޭނާގެ ވެސް ދަރިން ކަމަށް ދެކޭ ކަމަށެވެ. އޭނާ އިތުރަށް ބުނީ ކައިވެނި ކުރާނަމަ އެކަން ސިއްރު ނުކުރާނެ ކަމަށެވެ.