ކުލަބް ވޯލްޑް ކަޕް

ކުލަބް ވޯލްޑް ކަޕް: ބަޔާންގެ ހަވަނަ ޓްރޮފީ

ފައިނަލުގައި، އުތުރު އެމެރިކާގެ ޗެމްޕިއަން ޓައިގާސްގެ މައްޗަށް 1-0 ން މޮޅުވެ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށް ނުވަ މަސްތެރޭ ބަޔާން އިން ހަވަނަ ތަށި ހޯދައިފި އެވެ.

ހެންސީ ފްލިކްގެ ޓީމުން ވަނީ، މިދިޔަ 12 މަސް ތެރޭ، ޔޫއެފާ ޗެމްޕިއަންސް ލީގް، ބުންޑެސް ލިގާ، ޖަރުމަންގެ ކަޕް، ޖަރުމަން ސުޕަ ކަޕް އަދި ޔޫއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. މީގެ ކުރިން އެއް އަހަރު ތެރޭ ހަ ތަށި ހޯދީ ބާސެލޯނާއިންނެވެ. ޕެޕް ގާޑިއޯލާގެ ކޯޗް ކަމުން 2009 ގައި ބާސއިން ވަނީ ކުލަބު ފުޓްބޯޅައިގައި ކާމިޔާބު ކުރެވެން ހުރި ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ.

ބަޔާންގެ ލަނޑު، ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ ބެންޖަމިން ޕަވާޑް އެވެ. އޭނާ ގޯލަށް ފޮނުވާލި ބޯޅަ ލަނޑެއް ކަމަށް ކަށަވަރު ކުރަން ޖެހުނީ ވީއޭއާރް މެދުވެރިކޮށް ބަލައިގެންނެވެ.

ގަތަރުގެ ވޯލްޑް ކަޕް ސްޓޭޑިއަމް، އެޑިއުކޭޝަން ސިޓީ ސްޓޭޑީއަމްގައި 17،000 މީހުން ކުރިމަތީ މެޗުގެ ފުރަތަމަ ހާފުގައި ބަޔާން އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. މެކްސިކޯ އަށް ނިސްބަތްވާ، ޓައިގާސް ވެގެން ގޮސްފައި ވަނީ އުތުރު އެމެރިކާއިން ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ޓީމަަށެވެ.

ކުލަބު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ބަޔާން އެ ހޯދީ ދެ ވަނަ ފަހަރަށެވެ. މީގެ ކުރިން އެ ޓީމުން މުބާރާތް ކާމިޔާބު ކުރީ 2013 ގަ އެވެ.