ފީފާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓީނީ އޭނާގެ ދެކެ ޖެލަސްވާ ކަމަށާއި ޔޫއޭފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަނީޓޯ އަށް ތާއީދުނެތް ކަމަށް ފީފާގެ ރައީސް ސެޕް ބެލްޓާ ވިދާޅުވެއްޖެ އެވެ.
މެދުނުކެނޑި 17 އަހަރަށް ފަހު ފީފާގެ ރައީސް ކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ބްލެޓާ މިހެން ވިދާޅުވިއިރު ޕްލެޓީނީއާއެކު އޭނާ ހުންނެވި ކޮރަޕްޝަނުގެ ތުހުމަތުގައި 90 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. މި ދެބޭފުޅުން ސަސްޕެންޑްކުރީ ބްލެޓާ ސޮއިކޮށް ޕްލެޓީނީ އަށް 2011 ވަނަ އަހަރު ދީފައިވާ 1.5 މިލިއަން ޕައުންޑްގެ މައްސަލާގަ އެވެ.
އުމުރުފުޅުން މިހާރު 79 އަހަރުގެ ބްލެޓާ ރަޝިޔާގެ ނޫހަކަށް ވިދާޅުވީ އޭނާ އާއި ފީފާ އަށް މިހާރު ކުރިމަތިވެގެން އުޅޭ ކޮރަޕްޝަނުގެ މައްސަލަތަކުގެ ފެށުމަކީ ވެސް ފްރާންސްގެ ކުރީގެ ކެޕްޓަން އަދި ކޯޗު ޕްލެޓީނީ ކަމަށެވެ.
"މިކަން ފެށި މީހަކީ އޭނާ. އެންމެ ފުރަތަމަ މިއީ ޒާތީގޮތުން ކުރި ދިމާކުރުމެއް. މިކަން އޮތީ އަހަންނާއި ޕްލެޓީނީއާ ދެމެދު. އެކަމަކު ފަހުން މިކަން ބަދަލުވީ ސިޔާސީ ކަމަކަށް. އެހިސާބުން މިއީ ޕްލެޓީނީ އާއި އަހަންނާ ދެމެދު އޮތް ޒާތީކަމަށްވުރެ ބޮޑުވެގެންދިޔަ،"
ގަތަރަށް ވޯލްޑް ކަޕް ބާއްވަން ދިނީ ޔޫރަޕުން
އިނގިރޭސީންނަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ގެއްލުމުން އެ ގައުމުން އޭނާއާ ދެކޮޅަށް ތެދުވި ކަމަށާއި އަދި އެމެރިކާ އަށް ވެސް ވޯލްޑް ކަޕް ބިޑް ކާމިޔާބު ނުވުމުން މަސައްކަތް ފެށީ އޭނާއާ ދެކޮޅަށް ކަމަށް ވެސް ބްލެޓާ ވިދާޅުވި އެވެ.
"އެކަމަކު އިނގިރޭސިންނަށް ވޯޓުދޭން ތިބީ އެމީހުން އެކަނި. އެމީހުންގެ މީޑިޔާގެ ފާޑުކިއުންތަކާހެދި އެއްވެސްމީހަކު އިނގިރޭސިވިލާތަށް ދޭން ބޭނުމެއްނުވި. ދެން އެންމެންގެ ތެރޭގައި އެއްބަސްވެވުނީ 2018 ވަނަ އަހަރު ރަޝިޔާގައި ބާއްވަން. އެއީ އިރުމަތީ ޔޫރަޕުގައި ވޯލްޑް ކަޕް ނުބާއްވާތީވެ. އޭގެ ފަހުން 2022ގައި އެމެރިކާ އަށް ފުރުސަތުދޭން. އެކަމަކު އެންމެ ފަހު ވަގުތު އެކަން ބަދަލުވީ ޔޫރަޕުގެ ހަތަރު ވޯޓެއް ބަދަލުވުމުން. އެއީ ފްރާންސްގެ ރައީސް ނިކޮލަސް ސަރްކޯޒީ ގަތަރުގެ މިހާރުގެ ޕްރިންސް ގޮވައިގެން މީޓީން އައިސް ޕްލެޓިނީއާ ވާހަކަ ދައްކާފައި އެންމެ ރަނގަޅު ގޮތަކީ ގަތަރަށް ފުރުސަތު ދިނުން ކަމަށް ވިދާޅުވުމުން،" ބްލެޓާ ވިދާޅުވި އެވެ.
ފަހުން ވާނެ ގޮތެއް ޔޫރަޕުން ނުވިސްނާ
ބްލެޓާ ވިދާޅުވީ ޕްލެޓީނީ އާއި ޔޫރަޕުގެ ގައުމުތަކުން ވޯލްޑް ކަޕުގެ މައްސަލާގައި އޭނާއާ ދެކޮޅަށް ތެދުވިއިރު އެމީހުންނަށް ފަހުން ވާނެ ގެއްލުން ނުވިސްނުނު ކަމަށެވެ.
"އެކަމަކު (އަހަންނާ ޒާތީވެގެން) ކަލޭމެންނަށް ފީފާ ހަލާކުކޮށްނުލެވޭނެ. ފީފާ އަކީ ސްވިސް ބޭންކެއްނޫން. ފީފާ އަކީ ވިޔަފާރި ކުންފުންޏެއްވެސްނޫން. އެހެންވީމާ އެމީހުން ސްވިސްއާ ގުޅިގެން މިކަން ކުރަނީ ކީއްކުރަން. އެމީހުން މި މައްސަލަ އުފެއްދީ އަދި ފީފާ އާއި ފީފާގެ ރައީސަށް އެޓޭކްކުރަން ފެށީ. އަހަންނަށް ޔަގީން އެންމެ ފުރަތަމަ ޔޫއޭފާއިން (ފީފާގެ ރައީސްކަމަށް) އަހަރެން ބޭނުމެއްނޫނޭ ބުނިއިރު އެމީހުންނަށް ނޭނގޭނެ އެންމެ ފަހުން މިކަން ވާނީ ސިޔާސީ ކަމަކަށްކަން،" ބްލެޓާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މިދިޔަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށް ފަހު ފީފާގެ ރައީސް ކަމުން އޭނާ އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އެކަން ނުކުރައްވައި މަޑުކުރީ ޔޫރަޕުގެ ނުފޫޒުގަދަވުމުން ކަމަށެވެ.
އިންފަނީޓޯ އަށް ތާއީދެއްނެތް
ބްލެޓާއާއެކު ޕްލެޓީނީ ވެސް ސަސްޕެންޑްކޮށްފައި ޕްލެޓިނީ އަށް ފަހަރުގައި އިންތިހާބުގައި ވާދަނުކުރެވިދާނެ އެވެ. އެއީ އޭނާގެ ސަސްޕެންޝަނުގެ މުއަދަތު އިތުރުކުރާނެ ކަމަށް ބެލެވޭތީ އެވެ. އެފަދަ ގޮތެއް މެދުވެރިވެދާނެ ކަމަށް ބަލައި ޔޫއޭފާއިން އިންތިހާބަށް ނެރެފައިވާ އަނެއް ކެނޑިޑޭޓަކީ ޖެނެރަލް ސެކްރެޓަރީ އިންފަނީޓޯ އެވެ. ނަމަވެސް ބްލެޓާ ވިދާޅުވީ އެއީ ޔޫރަޕު ނޫން ގައުމުތަކުގެ ތާއީދު ހޯދޭނެ ބޭފުޅެއްނޫން ކަމަށެވެ.
ބްލެޓާ ވިދާޅުވީ ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން ފެބްރުއަރީ މަހު ފީފާގެ އާ ރައީސަކު ހޮވާ ކޮންގްރެސްގައި ބައިވެރިވެ އާ ރައީސަށް މަރުހަބާ ކިޔާނެ ފުރުސަތު ލިބިވަޑައިގަންވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެއީ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ.