ޕީޕީއެމް

ފުލުހަކަށް އަނިޔާ ލިބޭ ކަމެއް ނުކުރަން: އިދިކޮޅު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި "މަގޭ ފްލެޓް ކޮބާ" އިހުތިޖާޖުގައި ފުލުހަކަށް އަނިޔާ ލިބޭ ފަދަ ކަމެއް ނުކުރާ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

މިއަދު ކުރިއަށްދިޔަ އިހުތިޖާޖު ހުއްޓުވަން މަސައްކަތް ކުރި ފުލުހަކަށް ވަނީ އަނިޔާވެފައެވެ. އޭނާއަށް އަނިޔާވީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.

އިހުތިޖާޖުގެ ބައިވެރިން ފުލުހުންނަށް ހަމަލާދީފައިވާ ކަމަަށް ބުނެ ވާދަވެރިން ފާޑުކިޔަމުންދާތީ އެކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އިހުތިޖާޖްގައި ބަައިވެރިވި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި އަނިޔާވި ބައެއް މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

އިހުތިޖާޖުގެ ބައިވެރިން ހުއްޓުވުމުގައި ޕެޕާ ސްޕްރޭ ބޭނުންކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުން ގެންދިޔަ ވަގުތުގައި ފުލުހަކަށް އަނިޔާވެގެން ގެންދެވުނު ކަމަށާ ނަމަވެސް ފުލުހުންނަށް އަނިޔާ ކޮށް ފުލުހުންނަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިނުވާނެ ކަމަށެވެ.

"ސަރުކާރުން ފުލުހުންގެ މައްޗަށް ކުރަމުން ގެންދާ ގައިރު ގާނޫނީ އަމުރުތައް ތަންފީޒު ކުރުމުގައި ފުލުހުންގެ މުއައްސަސާގެ ބައެއް ބޭކަލުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ރައްޔިތުންނަށް އަނިޔާވާ ގޮތަށް އަމަލުތައް ގެންގުޅު ނުނަމަވެސް މި ކޯލިޝަންގެ ފަރާތުން ފުލުހުންނަށް އަނިޔާ ކޮށް ފުލުހުންނަށް ގެއްލުން ލިބޭ ގޮތަށް އަމަލު ކުރުމަކީ މި ކޯލިޝަނުން އެއްވެސް ވަރަކަށް ތަރުހީބުދީ ތާއީދު ކުރާ ކަމެއް ނޫން. އަދި އެފަދަ އަމަލެއް މިހާތަނަށް ހިންގާފައި ނުވާނު ވާހަކަވެސް ދަންނަވަން. އަދި މިއަދުގެ ހަރަކާތުގައިވެސް ފުލުހަކަށް އަނިޔާއެއް ލިބިފައިވަނީ އިހުތިޖާޖުގެ ބައިވެރިއެއްގެ ފަރާތުންނެއް ނޫން،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.