ރާއްޖެ ކުޅިވަރު

ވެލެންސިއާ އާއި އީގަލްސް ވެސް މޮޅަކަށް ބޭނުންވެފައި

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ވެލެންސިއާ އާއި އީގަލްސް ކުޅޭ މެޗަކީ ވަރަށް ވާދެރި މެޗަކަށްވާނެ އެވެ. ލީގުގެ ގަދަ ހަތަރަކަށް ވަނުމަށް ދެ ޓީމަށް މި މެޗުން ތިން ޕޮއިންޓް ވަރަށް މުހިންމެވެ. އަމުދުން ވެލެންސިއާ އަށް ކުރިއެރޭނީ އީގަލްސް ބަލިކޮށްގެންނެވެ. ބަލިވެގެން އީގަލްސް އަށް ފަރުޖައްސާލެވޭކަށް ނެތެވެ.

މިއަދުގެ މެޗަށް ނުކުންނައިރު ވެލެންސިއާ އޮތީ ނުވަ ޕޮއިންޓާއެކު ޓޭބަލުގެ ހަ ވަނާގަ އެވެ. އީގަލްސް އަށް ލިބިފައިވަނީ 10 ޕޮއިންޓާއެކު ފަސް ވަނަ އެވެ. ނަމަވެސް ދެ ޓީމުގެ ނަތީޖާތަކުން މިވަގުތު ފޯމުގައި އޮތްކަމަށް ދައްކަނީ ވެލެންސިއާ އެވެ. އެ ޓީމު އެންމެ ފަހުން ކުޅުން ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.

"މިއީ ވެލެންސިއާ އަށް ވަރަށް ރަނގަޅު ދުވަސްކޮޅެއް. މެޗުތަކުން މޮޅުވަމުން ދިއުމަކީ ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާ ސަބަބެއް. މި މެޗުގައި ވެސް ވެލެންސިއާ ބަލާނީ ވެލެންސިއާގެ ގޭމް ކުޅެގެން މޮޅުވާން. ނުކުރެވޭނެ ކަމެއްނޫން އެއީ،" ކޯޗު މުހައްމަދު އިގްބާލް ބުންޏެވެ.
މި މެޗާ ބެހޭ ގޮތުން އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ އޭނާގެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވުމުން ކުޅުންތެރިން ތިބީ އެކަމާ ކަންބޮޑުވެފައި ކަމަށެވެ.

"ވިކްޓަރީ އަތުން ބަލިވި މެޗުގެ މަތިން އަދިވެސް އީގަލްސް ކުޅުންތެރިން ހަނދާން ނުނެތޭ. އެކަން ހަނދާނުން ފިލާނީ ވެސް މެޗެއް ކާމިޔާބު ކުރެވިގެން،" ސާންތީ ބުންޏެވެ.

ލީގުގައި މިރޭ ކުޅޭނީ އެއްވަނާގައިވާ ނިއު ރޭޑިއަންޓާއި ޓޭބަލުގެ ފުލުގައިވާ މަހިބަދޫ އެވެ.