ދުނިޔެ

އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ޓްވިޓާ އާއި ޔޫޓިއުބް އެކައުންޓް ހެކްކޮށްފި

Jan 13, 2015
1

އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑުގެ ޓްވިޓާ އެކައުންޓާއި ޔޫޓިއުބް ޗެނަލް ހެކްކޮށް، އިންޒާރުގެ މެސެޖުތަކެއް ދީފި އެވެ.

"ސައިބަ ޖިހާދު" އޮތީ ކުރިއަށް ކަމަށް ބުނެ ސެންޓްރަލް ކޮމާންޑުގެ ޓްވިޓާ އިން ކޮށްފައިވާ މެސެޖުތަކެއްގައި، އެމެރިކާ ސިފައިންނަށް ނުރައްކާ ކުރާނެ ކަމަށާއި އެކަމަށް ވިސްނައިގެން ތިބުމަށް އިންޒާރު ދީފައިވެ އެވެ.

އެކައުންޓްތައް ހެކް ކޮށްފައި ވަނީ އިސްލާމިކް ސްޓޭޓް އިން ނުވަތަ އެ ޖަމާއަތަށް ތާއީދުކުރާ ބަޔަކު ކަމަށް ދޭހަވާ ގޮތަށް އެއް މެސެޖެއްގައި ބުނެފައި ވަނީ "އައިސިސް" މިހާރުވެސް ވަނީ އެމެރިކާގެ އަސްކަރިއްޔާ ކޮމްޕިއުޓަރުތަކުގެ ތެރޭގައި ކަމަށެވެ. މިގޮތަށް އިންޒާރު ދީފައި ވާއިރު އަސްކަރީ ސިއްރު ބައެއް ލިޔުންތައް ވެސް ވަނީ ހެކްކޮށްފައިވާ އެކައުންޓުން ޓްވީޓްކޮށްފަ އެވެ.

އެކައުންޓްތައް ހެކްކޮށްފައި މި ވަނީ ސައިބަ ސެކިއުރިޓީއާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހާއްސަ ތަގުރީރެއް ދެއްވަން ތައްުޔާރުވެފައި ވަނިކޮށެވެ.

ސެންޓްރަލް ކޮމާންޑުގެ ޓްވިޓާ އެކައުންޓް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ އިދާރާ އިން ބުނީ އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށެވެ.

ޕެންޓަގަންގެ އޮފިޝަލަކާ ހަވާާލާދީ ބީބީސީގައި ބުނެފައި ވަނީ މިއީ އެމެރިކާގެ އަސްކަރިއްޔާ އަށް ކުރިމަތިވި ލަދެއް ކަމަށާއި އެކަމަކު ސަލާމަތީ ގޮތުން މިކަމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. a