ފޭކް ނިއުސްއާއި މުޖުމައުގައި ނަފްރަތު އުފެދޭ ކޮންޓެންޓް ޓުވިޓާގައި ހުންނަ ކަމަށް ބުނެ އިންޑިއާގެ ސުޕްރީމް ކޯޓުން ޓުވިޓާއަށް ނޯޓިސް ފޮނުވައިފި އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން އެ މައްސަލައިގެ ތެރެއަށް ވަނީ ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރެއް ކަމަށްވާ ވިނީތު ގޮއެންކާ ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ނެވެ. އެ ޕެޓިޝަނާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާނީ އިންޑިއާގެ ސަރުކާރާ ޓުވިޓާއިން އެއަށް އިޖާބަ ދޭ ގޮތަށް ބެލުމަށް ފަހު އެވެ.
ވިނީތު ވިދާޅުވީ އިންޑިއާގެ އިސް އެތައް ބޭފުޅުންގެ ނަމުގައި ފޭކް ޓުވިޓާ އެކައުންޓްތަކުން ކުރާ ޓުވީޓުތަކާ ހެދި އެގައުމުގެ ނަން ކިލަނބުވަމުންދާ ކަމަށެވެ. ސޯޝަލް މީީޑިއާ މޮނިޓާކޮށް ނަފްރަތު އުފެދޭ ވާހަކަތައް ނަގަން އެ ޕެޓިޝަންގައި ގޮވާލައިފައި ވެއެވެ. އަދި ޓެރަރިސްޓް ޖަމާއަތްތަކަށް ޓުވިޓާއިން ހަމްދަރުދީ ވާކަމަށް ތުހުމަތުކޮށްފައި ވެއެވެ.
އެ ޕެޓިޝަން ހުށަހެޅި މި ދަނޑިވަޅަކީ އިންޑިއާގެ ދަނޑުވެރިން ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާ ދުވަސްވަރެއްވެސް
މެއެވެ. އެ މުޒާހަރާއަށް ތާއިދުކުރާ އެތައް ބައެއްގެ ޓުވިޓާ އެކައުންޓްތަކެއް ބްލޮކްކުރަންވެސް އިންޑިއާގެ ސަރުކާރުން ޓުވިޓާގައި އެދިފައި ވެއެވެ. ނަމަވެސް ޓުވިޓާއިން އެކަމަށް އިޖާބަ ދީފައެއް ނުވެ އެވެ.
ދާދި ފަހުން އެމެރިކާގެ ކެޕިޓޮލް ހިލްއަށް އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން އެކަމާ ގުޅޭ ޓުވީޓުތައް ޓުވިޓާއިން ބްލޮކް ކުރި އެވެ. ނަމަވެސް އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެން އެގައުމުގެ ރެޑް ފޯޓް ސަރަހައްދުގައި ދަނޑުވެރިން ހިންގި "ހަަމަނުޖެހުން" ތަކާ ގުޅޭ ޓުވީޓުތައް ބްލޮކް ނުކުރުމުން އިންޑިއާގެ ސަރުކާރުން ވަނީ ފާޑު ކިޔައިފަ އެވެ.