ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތިލަފުށި

ތިލަފުށިން 73 މީހަކު ޕޮޒިޓިވްވެއްޖެ

އިންޑަސްޓްރިއަލް ރަށެއް ކަމުގައިވާ ކ. ތިލަފުށިން 73 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ރާއްޖެއިން 209 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން 73 މީހުންނަކީ ތިލަފުށިން ޕޮޒިޓިވްވި މީހުން ކަމަށެވެ.

އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި އޮތް ތިލަފުށްޓަކީ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ރަށެކެވެ. އަދި އެއީ މާލެއާ ދެމެދު ފެރީގެ ދަތުރުތައް އޮންނަ ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ރަށެކެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 101 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 108 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. މިއަދު ހެދީ 4،006 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،360 މީހުންނެވެ. މިހާތަނަށް 15،291 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 190 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.