ކުޅިވަރު

މިލާނާއި ޔުވެންޓަސްއަށްވެސް ނާކާމިޔާބު

ސެރީ އާގައި، ނަޕޯލީ އަތުން 1-0 ން ބަލިވެ އޭސީ މިލާން އާ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ޔުވެންޓަސް ގެއްލުވާލައިފި އެވެ.

ޔުވެންޓަސް އާއި ނަޕޯލީގެ މެޗުގެ ފަހުން، މިލާން އާ ސްޕެޓްސްޒިއާ ކަލްސިއޯ ކުޅުނު މެޗު ސްޕެޓްސްޒިއާ ކާމިޔާބު ކުރީ 2-0 ންނެވެ.

ޔުވެންޓަސް އާއި ނަޕޯލީގެ މެޗު ފާހަގަ ވެފައި އޮތީ، ޔުވެންޓަސްގެ ކޯޗް އަންޑްރޭ ޕިރްލޯ އާއި ނަޕޯލީގެ ކޯޗް ޖެނާރޯ ގަޓޫސޯގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ. ގަޓޫސޯ އާއި ޕިރްލޯ އަކީ މިލާން އާއި އިޓަލީގެ ގައުމީ ޓީމަށް އެކުގައި ކުުޅުނު ދެ ކުޅުންތެރިންނެވެ. އެކުގައި ޔޫއެފާ ޗެމްޕިއަންސް ލީގާއި 2006 ވޯލްޑް ކަޕް ހޯދި އެވެ. ރޭ ގެ މެޗަކީ ކޯޗެއްގެ ގޮތުގައި އިޓަލީ ފުޓްބޯޅައިގެ ދެ ލެޖެންޑުން އެކަކު އަނެކަކާ ދެކޮޅަށް ނުކުތް ފުރަތަމަ މެޗެވެ.

މި ދެ ޓީމު ފުރަތަމަ ޓުރިންގައި ކުޅެން ހަމަޖެހިފައިވާ މެޗު ކުޅެފައެއް ނުވެ އެވެ. އެއީ ކޮވިޑްގެ ރިސްޓްރިކްޝަންގެ ސަބަބުން މެޗަށް ދަތުރު ކުރާން ނަޕޯލިގެ ޓީމު ބޭނުން ނުވުމުންނެވެ. ޔުވެންޓަސްގެ ކުޅުންތެރިން ޖޯޒީ އަޅައިގެންދަނޑަށް ވެސް ނުކުތެވެ. އެހެންނަމަވެސް ނަޕޯލީގެ ޓީމު ހާޒިރު ނުވުމުން ޔުވެންޓަސް މޮޅުވި ކަމަށް ނިންމި އެވެ.

ރޭ ނޭޕަލްސްގައި ކުޅުނު މެޗުގައި ނަޕޯލީގެ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ޗީރޯ އިމްމޯބިލޭ އެވެ.

ސްޕެޓްސްޒިއާގެ ދަނޑުގައި މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި، ސްޕެޓްސްޒިއާގެ ލަނޑުތައް ކާމިޔާބު ކުރި ޖޫރިއޯ މެޖޯރޭ އަދި ސިމޯނޭ ބަސްޓޯނީ އެވެ.

މެޗުން މިލާން ބަލިވިޔަސް އެ ޓީމު އޮތް އެއް ވަނަ މަގާމަކަށް ބަދަލެއް ނާދެ އެވެ. އެހެންނަމަވެސް މި ރޭ ލާޒިއޯ އާ ދެކޮޅަށް ދެ ވަނައިގައި އޮތް އިންޓަ މިލާން ކުޅޭ މެޗުން އިންޓަ މޮޅު ވެއްޖެނަމަ އިންޓަ އަށް އެއް ވަނަ މަގާމަށް ދެވޭނެ އެވެ.