ރައީސް މުހައްމަދު ނަޝީދު

ފްލެޓް ލިސްޓްގައި ކުށް ހުންނާނެ، ޝައްކެއް ނެތް: ނަޝީދު

ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމު ކޮށްފައިވާއިރު އެ ލިސްޓްގައި ކުށް ހުންނާނެ ކަމަށާ ނަމަވެސް ކުށް ގިނަ ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއީމީ ލިސްޓް އާންމު މި މަހުގެ ނުވަވަނަ ދުވަހުގެ ރޭގަ އެވެ. އާންމު ކުރި އެ ލިސްޓްގައި 6،720 މީހެއްގެ ނަން ހިމަނާފައި ވެއެވެ. ފްލެޓް ނުލިބިގެން އެތައް ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް އަދި ފައިނަލް ލިސްޓާމެދު އެތައް ސުވާލެއް އުފައްދަމުން ދަނިކޮށް ރައީސް ނަޝީދު ރޭ ވިދާޅުވީ 7،000 ފްލެޓްގެ ލިސްޓްގައި ކުށް ހުންނާނެ ކަމަށެވެ. އެކަމާ ޝައްކެއް ނެތް ކަަމަށެވެ.

ނަޝީދު ވިދާޅުވީ ލިސްޓެއް ހަދާއިރު އަތްދަށުން ގޮސްފައިވާ ކަންކަން ވެސް ހުންނާނެ ކަމަށާ ނަަމަވެސް ކުށަށްވުރެ ގިނަވަނީ ރަނގަޅު ކަމަށެވެ.

"އާދެ! ހަތްހާސް ފްލެޓްގެ ލިސްޓްގައި ހުންނާނެ ކުށް. ރައީސް އެ ވިދާޅުވީ، އެއަކު ޝައްކެއް ނެތް. އެހެން ނަމަވެސް އަޅުގަނޑު ޔަގީންކަމާއެކީ ދަންނަވަން އޭގައި މަދުވާނެ ކުށް. ކުށެއް ނޫން ގިނަ ވާނީ. އަޅުގަނޑުމެން އެންމެން ވެސް ގަބޫލު ކުރަން އަތްދަށުން ގޮސްފައިވާ ކަންކަން ވެސް ހުންނާނެ. އަދި އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑަށް އެއްޗެއް ލިބޭނެ ކަމަަށް ދެކޭ ދެކުމާއި އެހެން އިންތަކަކުން އެ ބެލީމާ އެ ފެންނަ ފެނުމާއި ތަފާތު ވެސް ހުންނާނެ،" ނަޝީދު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތައް ދޭނެ ބަޔަކު ނިންމާ ކުރީ ސަރުކާރުން ވެސް ލިޔުން ދޫކުރި އެވެ. މި ސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން އެ ލިސްޓަށް ބަދަލު ގެނެސް އެތައް ބަޔަކު ވަނީ ލިސްޓުން އުނި ކޮށްފަ އެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ޝަކުވާ ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އާދެ! ހަތްހާސް ފްލެޓް ލިސްޓްގައި ހުންނާނެ ކުށް. ރައީސް އެ ވިދާޅުވީ، އެއަކު ޝައްކެއް ނެތް. އެހެން ނަމަވެސް އަޅުގަނޑު ޔަގީންކަމާއެކީ ދަންނަވަން އޭގައި މަދުވާނެ ކުށް. ކުށެއް ނޫން ގިނަވާނީ. އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަން އަތްދަށުން ގޮސްފައިވާ ކަންކަންވެސް ހުންނާނެ. އަދި އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑަށް އެއްޗެއް ލިބޭނެ ކަމަަށް ދެކޭ ދެކުމާއި އެހެން އިންތަކަކުން އެ ބެލީމާ އެ ފެންނަ ފެނުމާއި ތަފާތުވެސް ހުންނާނެ
މުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް

ރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފްލެޓް ލިސްޓާމެދު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ހަތްހާސް ފްލެޓަށް ފަންސަވީސް ހާސް މީހުން ކުރިމަތިލާއިރު ކަންބޮޑުވުންައް ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ. ރަައީސް މިރޭ ވިދާޅުވީ ފައިނަލް ލިސްޓް އާންމުކޮށްފައިވީ ނަމަވެސް އެ ލިސްޓްގައި މައްސަލަތަކެއް ހުރިނަމަަ ފްލެޓް ލިބެން ހައްގު މީހާއަށް ފްލެޓް ދޭނެ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރިކަން. ހަތްހާސް ފްލެޓަށް ފަންސަވީސްހާސް ފަރާތަކުން ކުރިމަތިލާއިރުގަ އޭގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުންނާނެ. އޭގެތެރޭގައި ހައްގުވާ އެތަށް ބަޔަކަށް ނުލިބި ހުރުމަކީވެސް އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް އެއަށް ހައްލެއް ހޯދުމަކީ ސަރުކާރުން ކުރާނެ ކަމެއް. އަދި މި އިއުލާނުކުރި ލިސްޓްގައިވެސް މައްސަލަތަކެއް ހުރި ކަމަށްވަަންޏާ އަދިވެސް އިތުރަށް ސާފުކޮށް ބެލުމަށްފަހުގައި އަޅުގަނޑުމެން އޭގެ ހައްގުވެރި ފަރާތަކަށް އިރާދަކުރެއްވިއްޔާ ދޫކުރާނަން،" ރައީސް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން ޝަކުވާތައް ފުނިޖެހުނުއިރު ސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން ވަނީ ހުރިހާ ޝަކުވާތަކަކަށްވެސް ޖަވާބު ދީފައެވެ. އަދި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާލި މިންގަނޑާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދިއުމުން މީގެ ކުރިން އެ މިންގަނޑުވެސް ފްލެޓް ކޮމެޓީން ވަނީ އާންމު ކޮށްފައެވެ.

ނަމަަވެސް ބައެއް ޝަކުވާތަކަށް ފްލްޓް ކޮމެޓީން ޖަވާބުދީފައިވަނީ ހަގީގަތާއި ހިލާފު މައުލޫމާތުތައް ހިމައިގެން ކަމަށް އާންމުން ގެންދަނީ ބުނަމުންނެވެ.