ލަ ލީގާ

ވެލެންސިއާ ބަލިކޮށް ރެއާލް ދެވަނަ އަށް

ވެލެންސިއާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ލަލީގާގެ ތާވަލުގެ ދެވަނަ އަށް ރެއާލް މެޑްރިޑް ޖެހިލައިފި އެވެ.

ރެއާލް ދެވަނަ އަށް ދިޔައީ، ވާދަވެރި ބާސެލޯނާއަށްވުރެ އެއް މެޗު އިތުރަށް ކުޅެ 49 ޕޮއިންޓް ހޯދައިގެންނެވެ. ބާސާ މިހާރު ތިން ވަނައިގައި އޮތީ 46 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 54 ޕޮއިންޓާ އެކު އެވެ.

ރެއާލްއަށް ނަތީޖާ ނެރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ މިޑްފީލްޑާ ޓޯނީ ކްރޫޒް އެވެ. ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރުމަށް ކަރީމް ބެންޒެމާ ޖެހީ، ކްރޫޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

އަނިޔާގެ ގިނަ މައްސަލަތައް މިހާރުވެސް ކުރިމަތި ވެފައިވާ ރެއާލްގެ ޓީމަށް ރޭގެ މެޗުގެ ކުރީ ކޮޅުގައިވެސް އަނިޔާގެ މައްސަލަ ކުރިމަތިވި އެވެ. އަނިޔާއިން ރަނގަޅު ވެގެން އައި ޑެނީ ކާވަހާލްއަށް މެޗުގެ 28 ވަނަ މިނެޓްގައި އަނިޔާ ވުމުން ބަދަލުގައި ލޫކަސް ވަޒްކްއޭޒް ކުޅެން ނެރުނެވެ.

ރެއާލްގެ ދެ ވަނަ ލަނޑު ކްރޫޒް ކާމިޔާބު ކުރީ 42 ވަނަ މިނެޓްގައި ވަޒްކްއޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.