ޖޭއެސްސީ

ގާޒީ ހަސަން ސައީދުގެ މައްސަލަ ޖޭއެސްސީއަށް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައަޅައިފި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ގައުމުން ބޭރަށް، އިނގިރޭސި ވިލާތަށް ވަޑައިގެންފަ އެވެ. އަލީ ވަހީދު ބޭރަށް ވަޑައިގެންނެވީ މި މަހުގެ ނުވަވަނަ ދުވަހުގެ އިރޮއޮއްސުނު ވަގުތުއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި އަމުރު މީޑިއާއަށް ލީކުވިއެވެ. އެ އަމުރުގައި އޮތީ ޕާސްޕޯޓް ހިފަހަައްޓަން ނެރުނު އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށެވެ. ނަމަވެސް އެކަން ޕީޖީ އޮފީހުން ދޮގު ކުރުމުން ކްރިމިނަލް ކޯޓުން ބުނީ އެ އަމުރުގައި އެހެން ލިޔެވިފައިވަނީ އޮޅުމަކުން ކަމަށެވެ.

ކަން ހިނގާ ދިޔަގޮތް ސާފުކޮށްދީ ޕީޖީ އޮފީހުން ވަނީ ދިގު ބަޔާނެއް ނެރެފައެވެ. އަދި ކްރިމިނަލް ކޯޓްގެ އަމުރު މިހާރު ވަނީ ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ.

މި މައްސަލާގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މި މައްސަލާގައި ފަނޑިޔާރުން އަމަލު ކޮށްފައިވާ ގޮތާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. އެހެން ކަމުން ފަނޑިޔާރުގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށައަޅުއްވާނެ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ހަސަން ސައީދުގެ މައްސަލަ މިއަދު ޖޭއެސްސީއަށް ހުށައަޅާފައިވާ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި ތާރީހާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ކްރިމިނަލް ކޯޓުން ނެރުނު ފުރަތަަމަ އަމުރުގައި އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ލިޔެވިފައިވާތީ އަލުން އިސްލާހުކޮށް ޕީޖީ އޮފީހަށް ފޮނުވި އަމުރުގައި ޖަހާފައިވަނީ މި މަހުގެ 10 ވަަނަ ދުވަހުގެ ތާރީހެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ނުވަވަނަ ދުވަހުއެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އަޑުއެހުން ބާއްވާ އަމުރު އިއުލާނުކުރީ މި މަހުގެ ނުވަވަނަ ދުވަހު ކަމަށާ އަމުރު ޕީޖީ އޮފީހަށް ލިބުނީ 11 ވަަނަ ދުވަހު ކަަމަށެވެ. އަމުރުގައި ތާރީހެއް ކަމަށް އޮތީ 10 ފެބްރުއަރީ ކަމަށާ ފުރައިގެން ދިޔަ ކަމަށް ވަނީ އަމުރުގައި އޮތް ތާރީހުގެ ކުރިން ފެބްރުއަރީ ނުވަވަނަ ދުވަހު ކަމަށެވެ. އަދި ޖާމިނު ލިޔުމުގައި އޮތީ ނުވައެއް ފެބްރުއަރީގައި އަމުރު ނެރެފައިވާ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ފުރަން ނެރުނު އަމުރު ބާތިލުކުރީ އޭނާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ ހުށައެޅި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްގެން ކަމަށް ކޯޓް އަމުރުގައިވެއެވެ. އެ އަމުރުގައި ބުނެފައިވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިނުވާ ކަމަށެވެ. އަލީ ވަހީދު ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށައަޅާފައިވާ ކަމަަށް ވެސް އެ އަމުރުގައި ވެއެވެ.