ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ޕްރަގްރާމް ނުހުއްޓޭނެ، އިތުރު ޑޯޒް ލިބޭނެ

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު ވެކްސިން ނެތިގެން ޕްރަގްރާމް މެދުނުކެނޑޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ވެކްސިން ޕްރަގްރާމުގެ ދަށުން މިހާތަނަށް 43،817 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ.

ނަމަވެސް އިތުރު ވެކްސިނެއް އަދި ނުލިބެއެވެ. ރާއްޖެއަށް ލިބިފައިވާ އެއްލައްކަ ޑޯޒް ވެކްސިނުން ދެވޭނީ 50،000 މީހުންނަށެވެ.

އެ އަދަދަށް ވެކްސިން ދިނުމަށްފަހު ހުއްޓާލާތޯ ސުވާލުކުރުމުން ވެކްސިން އޮޕަރޭޝަންގެ އިސްކޮށް ހުންނެވި މުހައްމަދު ހަމްޒަތު ވިދާޅުވީ މިހާރު ހުރި އެއްލައްކަ ޑޯޒް ވެކްސިން މެދުނުކެނޑި ދޭނެ ކަމަށެވެ. ހަމްޒަތު ވިދާޅުވީ ވެކްސިން ޕްރަގްރާމް މެދުނުކެނޑޭނެ ކަމަށާ މި މަހު އިތުރު ޑޯޒް ލިބޭނެ ކަމަށެވެ.

"މި މަސްތެރޭ އަޅުގަނޑުމެންނަށް އިތުރު ޑޯޒްތަކެއް ލިބޭނެ. ނަމަވެސް މިވަގުތު އަޅުގަނޑަށް ސީދާ ލިބޭނެ ނަންބާސްތަކެއް ދަންނަވަން ދަތި،" ހަމްޒާ ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.

އަދި ހެޔޮއެދޭ ފަރާތަކުން ވަނީ ޗައިނާ ވެކްސިންގެ 5،000 ޑޯޒް ހަދިޔާކޮށްފައެވެ. ނަމަވެސް އެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނުދެއެވެ.