ޑރ. މުހައްމަދު މުއިއްޒު

"އެންމެ ފަހު މީހާއަށް ހައްގު ލިބެންދެން މަސައްކަތް ކުރާނަން"

ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން އަޅާފައިވާ ފްލެޓްތައް ލިބޭނެ މީހުން ކަނޑައަޅާ ލިޔުން ދީފައިވަނިކޮށް އެތަށް ބައެއްގެ އަތުން ފްލެޓް އަތުލުމަކީ ބޮޑު އަނިޔާއެއް ކަމަށާ ހައްގުތައް ގެއްލުނު އެންމެނަށް ފްލެޓް ލިބެންދެން އަޑުއުފުއްލަވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ އަވަސްގެ މޯނިން ޝޯ "ފަށަމާ" ގައި މިއަދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަަމުންނެވެ.

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއީމީ ލިސްޓް އާންމު މި މަހުގެ ނުވަވަނަ ދުވަހުގެ ރެއެވެ. އާންމު ކުރި ލިސްޓްގައި 6،720 މީހެއްގެ ނަން ހިމަނާފައި ވެއެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ވަނީ 7،000 ފްލެޓެވެ. އެ ފްލެޓްތަކަށް 25،000 ވުރެ ގިނަ މީހުން ފޯމް ހުށައެޅި އެވެ.

ހިޔާ ފްލެޓްތައް ދޭނެ ބަޔަކު ނިންމާ ކުރީ ސަރުކާރުންވެސް ލިޔުން ދޫކުރިއެވެ. މި ސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން އެ ލިސްޓަށް ބަދަލު ގެނެސް އެތަށް ބަޔަކު ވަނީ ލިސްޓުން އުނިކޮށްފައެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ޝަކުވާ ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މުއިއްޒު ވިދާޅުވީ ފްލެޓް ލިބޭނެ ކަމުގެ ލިޔުން ދިން ކޮންމެ މީހަކީ އަދި ފްލެޓަށް އެދި ފޯމް ހުށައެޅި 23،000 ރައްޔިތުންނަށްވެސް ފްލެޓް ހައްގު ކަމަށެވެެ. ފްލެޓް ދީފައިވާ 7،000 މީހުންނަކީ ވަރަށް އިންސާފުވެރި ކަމާއެކު ބަލަން ޖެހޭ ހުރިހާ ކަމަކަށް ބެލުމަށްފަހު ލިޔުން ދީފައިވާ މީހުން ކަމަަށެވެ. އެއީ ވަރަށް ނިކަމެތި ހާލަތުގައި މާލޭގައި ދިރިއުޅެމުންދާ އާއިލާތަކެއް ކަމަށާ އެފަދަ އާއިލާއެއްގެ އަތުން ފްލެޓް އަތުލުމަށް ވުރެ ބޮޑު އަނިޔާއެއް ނުދެވޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފްލެޓް އަތުލި މީހުންގެ ހައްގުގައި ވަކާލާތުކޮށް އެ ވާހަކަ ދައްކަމުންދާތީ ވާދަވެރިން ބަހުގެ ހޫނު ހަމަލާތައް އަމާޒު ކުރަމުންދާ ކަމަށެވެ. ނަމަވެސް ހައްގު ގެއްލުނު ކޮންމެ ރައްޔިތެއްގެ ދިފާއުގައި ވާހަކަ ދައްކަވާނެ ކަމަށާ ކިތަންމެ ވަރަކަށް ފާޑުކީ ނަމަަވެސް ހައްގު ގެއްލުނު އާއިލާތަކުގެ ހައްގުގައި ވަކާލާތު ކުރައްވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ފްލެޓް ހައްގު ނިގުޅައިގެން އެންމެ ފަހު މީހާއަށް އިންސާފު ލިބެންދެން އަޅުގަނޑު މި މަސައްކަތުގައި ދެމި ހުންނާނަން،" މުއިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމު ކޮށްފައި ވީނަމަވެސް އެ ލިސްޓްގައި މައްސަލަތަކެއް ހުރިނަމަަ ފްލެޓް ލިބެން ހައްގު މީހާއަށް ފްލެޓް ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފްލެޓް ލިސްޓާމެދު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހަތްހާސް ފްލެޓަށް ފަންސަވީސް ހާސް މީހުން ކުރިމަތިލާއިރު ކަންބޮޑުވުންައް ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ. ރަައީސް މިރޭ ވިދާޅުވީ ފައިނަލް ލިސްޓް އާންމުކޮށްފައި ވީނަމަވެސް އެ ލިސްޓްގައި މައްސަލަތަކެއް ހުރިނަމަަ ފްލެޓް ލިބެން ހައްގު މީހާއަށް ފްލެޓް ދޭނެ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރިކަން. ހަތްހާސް ފްލެޓަށް ފަންސަވީސްހާސް ފަރާތަކުން ކުރިމަތިލާއިރުގަ އޭގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުންނާނެ. އޭގެތެރޭގައި ހައްގުވާ އެތަށް ބަޔަކަށް ނުލިބި ހުރުމަކީވެސް އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް އެއަށް ހައްލެއް ހޯދުމަކީ ސަރުކާރުން ކުރާނެ ކަމެއް. އަދި މި އިއުލާނުކުރި ލިސްޓްގައިވެސް މައްސަލަތަކެއް ހުރި ކަމަށްވަަންޏާ އަދިވެސް އިތުރަށް ސާފުކޮށް ބެލުމަށްފަހުގައި އަޅުގަނޑުމެން އޭގެ ހައްގުވެރި ފަރާތަކަށް އިރާދަކުރެއްވިއްޔާ ދޫކުރާނަން،" ރައީސް ވިދާޅުވިއެވެ.

އެކަމަށް އިޝާރާތްކުރައްވާ މުއިއްޒު ވިދާޅުވީ ރައީސްގެ އެ ވާހަކަފުޅުން ދޭހަވީ ގާބިލް ކަމެއް ނެތް ކަމެވެ. ފްލެޓް ކޮމެޓީއެއް އުފައްދައިގެން ދެ އަހަރު މަސައްކަތް ފައިނަލް ލިސްޓެއް އެކުލަވާލުމަށްފަހު އަދި ހައްގު ބަޔަކު ތިބި ނަމަ ފްލެޓް ދޭނެ ކަމަށް ބުނުމަކީ ހެއްވާ ކަމެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ވަގުތީ ލިސްޓްތަކާއެކު ހައްގު ގެއްލުނު މީހުންގެ ވާހަކަތައް މީޑިއާތަކުގެ ސަމާލު ކަމަށް ގެނެސް ކުރެވުނު މަސައްކަތުން ފައިނަލް ލިސްޓްގައި ބައެއް މީހުންގެ ނަންތައް އަލުން ހިމެނި ނަމަވެސް އަދިވެސް ފްލެޓް ލިސްޓްގައި ގިނަ ގޯސްތަކެއް އެބަހުރި ކަމަށެވެ.

ފެލްޓް ލިސްޓްގައި ގޯސްތަކެއް ހުރި ކަމަަށް ރައީސަށް ޝަކުވެވަޑައިގަންނަވާނެ ލިސްޓް ބާތިލުކޮށް ޔަގީން ލިސްޓެއް ނެރުއްވުމަށްވެސް މުއިއްޒު ގޮވާލެއްވިއެވެ.

"ނެރުއްވި ލިސްޓްގައި އެތަށް ސަތޭކަ ގޯހެއް ހިމެނޭކަން ނުހައްގުން ފްލެޓް އަތުލި ކޮންމެ ރައްޔިތަކު ހެކިވާނެ. އެއްވެސް ރައްޔިތެއްގެ ހައްގުތައް ނިގުޅައިނުގަންނަވާ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހައްގުތައް ގެއްލުނު މީހުންނަށް ޕީޕީއެމްގެ ވެރިކަމެއްގައި ހައްގުތައް ހޯދައިދޭނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ ހިންގޭ ހައުސިން މަޝްރޫއު ހާއްސަކުރާނީ އެ މީހުންނަށް ކަމަށް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ފަރާތްޕުޅުން އަޅުގަނޑުމެން ޕީޕީއެމް، ޕީއެންސީން ދޭ ޔަގީން ކަމަކީ އިރާދަކުރެއްވިއްޔާ ދެން އަންނަ ވެރިކަމެއްގައި އެންމެ ފުރަތަމަ އިމާރާތް ކުރެވޭ ފްލެޓްތައް ލިބޭނީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނިޔާވެރި ކަމުގައި ފްލެޓްތައް ނިގުޅައިގެން ފަރާތްތަކަށް،"

ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ނަގާނީ މަހަކު 11000 ރުފިޔާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ކުރީ ސަރުކާރުގައި ނިންމާފައިވަނީ މަހަކު 5600 ރުފިޔާ ނެގުމަށެވެ. އެ ނިންމުން ނިންމީ އޮކްޓޯބަރު 17، 2018 ގައެވެ.

ރައީސް އޮފީހުގެ އެއިރުގެ ސޯޝަލް އެފެއާޒްގެ ސްޓޭޓް މިނސްޓަރު މުހައްމަދު ޣައްސާން މައުމޫން ސޮއި ކުރައްވައި ހައުސިން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހިޔާ ފްލެޓަކަށް ކުލީގެ ގޮތުގައި މަހަކު ނަގާނީ 5600 ރުފިޔާ ކަމަށާއި މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ނެގުމަށެވެ.

މުއިއްޒު މިއަދުވެސް ވިދާޅުވީ އެންމެ ގިނަވެގެން ކޮންމެ މަހަކު 7000 ރުފިޔާގެ ކުއްޔަކުން ވެސް އެޗްޑީސީއަށް 15 އަހަރުގެ ތެރޭގައި ފައިދާ ވާނެ ކަމަށެވެ. އަދި އެއީ މަޝްރޫއަށް ހިނގި ހަރަދުތަކުގެ އިތުރަށް މަޝްރޫއާ ގުޅިގެން ހިނގި އިދާރީ ހަރަދުތައް ވެސް ހިމެނޭ ގޮތަށް ކަމަށެވެ. މަޝްރޫއަށް 434 މިލިއަން ޑޮލަރު ހަރަދުވެފައިވާއިރު، މަޝްރޫއާ ގުޅިގެން ކޮށްފައިވާ ހިންގުމާއި އިދާރީ ހަރަދުތަކާއެކު ޖުމުލަ 563 މިލިއަން ޑޮލަރު އަރަ އެވެ. އަދި ކޮންމެ މަހަކު ކޮންމެ ފްލެޓަކުން 7000 ރުފިޔާ ނަގަނާމަ 15 އަހަރުގެ ތެރޭގައި އެޗްޑީސީއަށް 572 މިލިއަން ޑޮލަރު ލިބެ އެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއް ފެށޭއިރަށް ފްލެޓްތަކުގެ އަގު ތިރިކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަގަކީ 6،600 ރުފިޔާ. އެހެންވީމަ އެ އަގު ހިފަހައްޓާނެ އަޅުގަނޑުމެން،" މުއިއްޒު ވިދާޅުވިއެވެ.